މި އަހަރުގެ ބަޖެޓުގައި ތ. ގުރައިދޫގައި އެއާޕޯޓު އަޅަން ހިމަނާފައި ނުވި ނަމަވެސް އެ ރަށުގައި މި އަހަރު އެއާޕޯޓު އަޅަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ތ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ގުރައިދުއަށް ވަޑައިން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އިންތިގާލީ މަރުހަލާގައި މި ސަރުކާރަށް ބަޖެޓު ފާސް ކުރުމަށް ދިނީ މަދު ވަގުތުކޮޅެއް ކަމަށާއި ނަމަވެސް އެ ވަގުތުގައި ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ފޮނުވި ކަމަށެވެ.
އެގޮތުން އެއް ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ހިންގުމަށް ރާވާފައިވާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއެވެ. ނަމަވެސް އެ މަޝްރޫއުވެސް މަޖިލީހުން އުނިކުރެއްވިކަން ފާހަގަ ކުރައްވާ ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އެކަމުންވެސް އަންގާދެނީ ރައްޔިތުންނަށް ފައިދާ ކުރާ ކަންކަން ހިންގުމަށް އެ ބޭފުޅުން ބޭނުންފުޅު ނުވާ ކަމަށެވެ.
އެގޮތުގެ މަތިން ބަޖެޓުން އުނި ކުރި ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ގޮތް ގޮތް އެބަ ހުންނެވި ކަމަށާއި އެފަދައިން ގުރައިދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު ފަށްޓަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. "ބަޖެޓުން އެބޭފުޅުން މި ރަށުގެ އެއާޕޯޓު ހެދުމުގެ ޖާގަ ދީފައި ނެތް ނަމަވެސް މިއަހަރު އެއާޕޯޓުގެ މަސައްކަތް ފަށާނެ. އަޅުގަނޑުމެންނަށް ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރެވޭނެ ގޮތް ހޯދޭނެ، އަދި ހޯދާނަން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ގުރައިދޫގައި މުހިންމު މަޝްރޫއުތަކެއް ހުންނެވިކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ހޮސްޕިޓަލުގެ މަސައްކަތާއި ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ އިތުރުން ޒުވާނުންނަށް ކުޅިވަރު ކުޅުމަށް އެކި ކަހަލަ ފެސިލިޓީޒްތައް ގާއިމް ކުރުމަށް ކުރަން ނިންމަވާފައިވާ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ފުށިދިއްގަރު ހިއްކުމުގެ މަޝްރޫއުގެ އަގު އަދާ ކުރުމަށް ހަމަޖެހިފައިވަނީ 70 ހެކްޓަރުގެ ބިން 99 އަހަރަށް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނި ކަމަށްވާ ސީއެމްސީއަށް ދީގެންނެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ތ. އަތޮޅުގެ އެކި ރަށްރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށާއި އަދި އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ރަށްރަށުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި އެރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑު އައްސަވައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.