ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސުލްޖުމްހޫއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ތ. އަތޮޅު ގުރައިދުއަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ރިޔާސީ އިންތިހާބުގައި އެއްރަށަކުން އެންމެ މަތީ އިންސައްތައެއްގެ ވޯޓް ލިބިވަޑައިގެންނަވާ ރަށަކަށް ކަމަށް ކެމްޕެއިންގެ ތެރެއިން ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ތ. ގުރައިދޫއަކީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިވަޑައިގެންނެވި ރަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ތ. އަތޮޅުގެ އެކި ރަށްރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށާއި އަދި އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ރަށްރަށުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި އެރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑު އައްސަވައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އަދި އެމަނިކުފާނު ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެ ކަމަށާއި، އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމުގައިވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.