ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަން މިއަދު ބޭއްވި ޖަލްސާ ބޮއިކޮޓް ކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށް، އެ ނިންމުމާ ހިލާފަށް އެމްޑީޕީގެ ދެ މެންބަރުން މަޖިލީސް ޖަލްސާގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެންބަރުންނަކީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. މި ދެ މެންބަރުން އެމްޑީޕީގެ ނިންމުމާ، ހިލާފުވުމާއި ގުޅިގެން އަދި އެ ޕާޓީން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ޖަލްސާ ބޮއިކޮޓްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލުން މަގާމަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެނެވެ. މިކަމާއި ގުޅިގެން އެމްޑީޕީ އިން ބުނީ އެއީ އެ މަޖިލީހަށް ގޮން ޖައްސެވުން ކަމަށާއި އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ކާށިދޫ ދާއިރާގެ ގޮނޑި އަމިއްލަގޮތުން ވާދަކުރައްވައިގެން ކާމިޔާބުކުރެއްވި ޖާބިރު ވަނީ، ފަހުން އެމްޑީޕީ އާއި ގުޅިވަޑައިގެންފައެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީ އިން ބޭއްވި ޕްރައިމަރީގައި ވާދަކޮށް އެ ދާއިރާގެ ޕްރައިމަރީ ޖާބިރު ވަނީ ކާމިޔާބުކުރައްވާފައެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވި ޖަމްޝީދު މިފަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވައެވެ.