އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އޮތް ބަޖެޓް ޖަލްސާއަށް ވަޑައިގެންނެވި ވަގުތު ރާއްޖެއާއި އިންޑިއާގެ މިވަގުތުގެ ހާލަތު "ގުޅުން] ރަނގަޅުކަމަށް ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބް ވިދާޅުވެއްޖެއެވެ.
ސަފީރު އެހެން ވިދާޅުވީ އޭނާ ކާރުން ފައިބައިވަޑައިގެންނެވި ވަގުތު އިންޑިއާގެ ނިއުސް ޗެނަލް އޭއެންއައި ގެ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައެވެ.
ރާއްޖެ އާއި އިންޑިއާ އާ ދެމެދު އުފެދިފައި ވާ ސިޔާސީ ނުތަނަވަސްކަމާ އެކު މީގެ ކުރިން ސަފީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒަށް ހާޒިރު ކޮށްފައި ވެސް ވެއެވެ. އެ ބައްދަލުވުމާ ގުޅޭ އެއްވެސް ތަސްފީލެއް މީޑިއާއަށް ތިލަވެފައި ނުވާ އިރު، ހަމަ އެ ދުވަހު ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވަނީ ދިވެހި ހާރިޖީ ވުޒާރާއަށް ވަޑައިގެންފައެވެ. އެ ބައްދަލުވުމަކީ މާ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.
ރާއްޖެ އާއި އިންޑިއާ އާ ދެމެދު ގުޅުން ގޯސްވެފައި ވާ އިރު، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރް ވިދާޅުވެފައި ވަނީ، ދޭދޭ ގައުމުތަކުގެ ދެމެދުގައި މައްސަލަތައް ހުންނާނެ ކަމަށާއި ކޮންމެ މައްސަލަ އަކީވެސް ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ މައްސަލަތައް ކަމަށެވެ. އެގޮތުން ބައެއް ފަހަރު ތަންކޮޅެއް 'ހަރުކޮށް ބަސް ބުނާ ފަހަރު ފަހަރާއި، ބަހެއް ނުބުނެ ތިބެން ޖެހޭ ފަހަރު ފަހަރު' އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ދެެމެދު އުފެދިފައި ވާ މައްސަލަތައް ހައްލު ކުރުމަށް މަތީފެންވަރުގެ ކޯ ގްރޫޕެއް އުފައްދައި މަޝްވަރާތައް ކުރިއަށް ދާއިރު މިހާރު އެއްބަސްވެފައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން 3 ބުރަކަށް ބާލައި ހުސްކުރުމަށެވެ. އެގޮތުން ފުރަތަމަ ބުރު މާޗް 10 އަދި ދެވަނަ ބުރާއި 3 ވަނަ ބުރު މެއި 10 ގެ ނިޔަލަށް ބާލައި ހުސްކުރަން ވަނީ އެއްބަސްވެފައެވެ.