ގއ. ކޫއްޑޫގައި ގާއިމުކުރި ތެޔޮ ޕަމްޕުތަކުން މިނެޓަކު 160 ލީޓަރުގެ ތެޔޮ ދެން އެޅިގެންދާނެ ކަމަށް ޕިޝަރީޒް މިނިސްޓްރީއިން ބުނެފިއެވެ.
ކޫއްޑޫއަކީ އެންމެ ގިނައިން މަސް ކިރާ ކާރުހާނާއަށްވާއިރު މަސް ދޯނިތައް ތެޔޮ ހޯދުމަށް ގިނައިން ދަނީވެސް އެ ރަށަށެވެ.
ތެޔޮ އެޅުމަށް ގިނަ ވަގުތުތަކެއް ހޭދަވާތީއާއެކު މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ އިތުރު ޕަންޕެއް އެތަނުގައި ބަހައްޓާފައެވެ.
ޕިޝަރީޒް މިނިސްޓްރީއިން ބުނީ ކޫއްޑޫގައި ގާއިމުކޮށްފައިވާ ފިއުލް ސަޕްލައިގެ ތެޔޮ ސްޓޭޝަންތަކުން މަސްދޯނިތަކަށް ތެޔޮ އެޅުމުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭތީ އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ޕަންޕް އިންސްޓޯލްކޮށް ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ.
މި ބަދަލާއެކު ބޮޑެތި މަސް ދޯނިތަކަށް ގާތްގަނޑަކަށް 15 މިނެޓެއް ހާއިރުގެ ތެރޭގައި ތެޔޮ އެޅޭނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި ސަރުކާރުން މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މަސް ކިރުމަށްފަހު ނުދީ ހުރި ފައިސާ ދިނުމުގެ އަމާޒުގައި ވެސް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.