މެއި 10 ގެ ނިޔަލަށް ސިފައިން ބާލަން އިންޑިއާ އެއްބަސްވެއްޖެއެވެ. ފުރަތަމަ ގްރޫޕު މާޗް 10 ގައި ބާލާނެއެވެ.

ރާއްޖެ-އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުމާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ، އިގްތިސޯދީ ދާއިރާ އާއި ދިފާއީ ދާއިރާ އާއި ތަރައްގީ އާ ގުޅުންހުރި ކަންކަމުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މިކަން ފާހަގަކޮށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން، އިންޑިއާ އާއި ރާއްޖޭން އެއްބަސްވެވޭ ފަދަ ގޮތަކަށް ސިއްހީ ބޭނުންތަކަށާއި އިންސާނީ އެހީތެރިކަމަށްޓަކައި މީހުން އުފުލުމަށް ބޭނުންކުރާ އިންޑިއާގެ ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުންކުރުން ކުރިއަށް ގެންދަން ދެ ގައުމުން އެއްބަސްވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގައި މިވަގުތު ތިބި އިންޑިއާގެ ސިފައިން އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. ތިން ގްރޫޕަކަށް ބަހާލައިގެން އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަން ހާމަކޮށް، ފުރަތަމަ ގްރޫޕް ފޮނުވާލަން ނިންމާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި ބާކީ ތިބި ސިފައިން އަންނަ މެއި މަހުގެ 10 އަށް ބާލައި ނިންމަންވެސް އެއްބަސްވި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

އެކަމަކު ފޮނުވާލާނީ ކިތައް ސިފައިން ކަން އެ ބަޔާނުގައި ހާމައެއް ނުކުރެއެވެ. ހަމަ އެހެންމެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބަޔާނުގައި ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާ ވާހަކަ ދެކެވިފައިވާކަން ބަޔާންކޮށްފައެއް ނެތެވެ.

މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި ވާހަކަ ދެކެވުނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން ރާއްޖެެއިން ހުށަހަޅާފައި އޮތް ހުށަހެޅުމުގެ މައްޗަށެވެ.