ރާއްޖޭގައި އިންޑިއާގެ ކުންފުނިތަކުން ގިނަ ޕްރޮޖެކްތްތަކެއް ހިންގަމުން އަންނަ އިރު ބަޖެޓް ސަޕޯޓުގެ ގޮތުގައާއި ލޯނުގެ ގޮތުގައި ގިނަ އެހީތަކެއް ދެމުން އަންނަ އިރު މިއަހަރުގެ ބަޖެޓުގައި 400 ކްރޯޑް ރުޕީސް ނުވަތަ 48 މިލިއަން އެމެރިކާ ޑޮލަރު ދޭން ހިމަނައިފިއެވެ.
ޑޮލަރުގެ ކުރިމަތީގައި އިންޑިއާ ރުޕީސްގެ މޫނުމަތީ އަގަކީ 0.012 ސެންޓެވެ. އެހެން ކަމުން 400 ކްރޯޑް ރުޕިސް އަކީ 48 މިލިއަން އެމެރިކާ ޑޮލަރެވެ.
ރާއްޖޭގެ އިތުރުން ބޫޓާނާއި އަފްގާނިސްތާނަށް ވެސް ބަޖެޖުގައި އަދަދެއް ހިމަނާފައި ވެއެވެ. އެގޮތުން ބޫޓާނަށް 288 މިލިއަން ޑޮލަރު އަދި އަފްގާނިސްތާނަށް 24 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ.
އަފްގާނިސްތާނުގެ ވެރިކަން ތޯލިބާން ނެގި ފަހުންވެސް އިންޑިއާ އިން އެގައުމަށް މާލީ އެހީތެރިކަމާއި ގޮދަނާއި ވެކްސިނާއި އިންސާނީ އެހީ ފޯރުކޮށްދީފައި ވާއިރު އެގައުމަށް ދޭން މީގެ ކުީ އަހަރުތަކުގައި ވެސް ބަޖެޓް ކުރީ 24 މިލިއަން ޑޮލަރެވެ.
އިންޑިއާގެ ބަޖެޓުގައި ލަންކާއަށް ވެސް އަދަދެއް ކަނޑައަޅާފައި ވެއެވެ. އެގޮތުން ލަންކާއަށް އޮތީ މިފަހަރު 18 މިލިއަން ޑޮލަރެވެ.
މިޔަންމާ، މޮންގޯލިއާ، ސީޝަލްސް އަދި މޮރިޝަސް އަށް ވެސް މާލީ އެހީތެރިކަން ދޭން ބަޖެޓުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން އީރާނުގައި އިންޑިއާއިން ތަރައްގީ ކުރާ ޗައްބާރު ބަނދަރަަށް ވެސް ފައިސާ ހިމަނާފައި ވާއިރު އެ ބަނދަރަކީ އިންޑިއާ އަށް ތެޔޮ އެތެރެ ކުރުމަށާއި އިންޑިއާ އަފްގާނިސްތާން ގުޅާ ލުމުގެ އިތުރުން މެދުއިރުމަތިން ގޮސް ޔޫރަޕާ ގުޅާ ލުމަށް އިންޑިއާއިން ތަރައްގީ ކުރާ ބަނދަރެކެވެ.
އިންޑިއާއިން ބަޖެޓް އެހީ ދޭން ހިމަނާފައި ވާ އިރު، ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭރުކުރުމާއި އިންޑިއާއިން ރާއްޖޭގައި ދުއްވާ ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ނިންމާފައި ނިންމުމާ ގުޅިގެން ދެގައުމުގެ ގުޅުން ވަނީ ހީނަރުވެފައެވެ. އަދި ރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިއާގެ ސޯޝަލްމީޑިއާ ތަކާއި މެއިން ސްޓްރީމް މީޑިއާގައި ފެތުރިގެން ދިޔަ އޮއިވަރާއި ރާއްޖޭގެ ސޯޝަލްމީޑިއާގައި އުފެދުނު ވާދަވެރިކަމުގެ އޮއިވަރުގެ ސަބަބުންވެސް ދެގައުމުގެ ގުޅުމަށް ވަނީ އަސަރު ކޮށް އެއްގައުމުން އަނެއް ގައުމުގެއްގެ ޑިޕްލޮމޭޓުން ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.