އދ މަހިބަދޫއަށް ނިސްބަތްވާ އަސުރުމާ 3 ނަމަކަށް ކިޔާ ދޯންޏަށް އިންޑިއާ ސިފައިންގެ އަސްކަރިއްޔާ އިން އެރީ ބަޑި ހިފައިގެން ކަން ހާމަވެއްޖެއެވެ.

އިންޑިއާ ސިފައިން އެ ދޯންޏަށް އަރާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ދައުރުވަމުން އަންނަ އިރު، އެ ފޮޓޯތަކުން ފެންނަނީ ކޯސްޓް ގާޑް ޖަހާފައިވާ ޔުނީފޯމްގައި ތިބި ސިފައިން އެ ދޯނީގައި ތިބޭ ތަނެވެ. އެ ސިފައިން ބަޑި ހިފައިގެން ތިބޭ އިރު، އެ ދޯނީގެ ދިރުނބާ ކޮޅަށް ހުރިހާ ފަޅުވެރިން އެއްކޮށްގެން ތިބޭ ތަން ފެންނެއެވެ. އަދި ހަތިޔާރާއެކު ހަރަކާތްތެރިވަމުން ދިޔަ ދެ ސިފައިން އެ ފޮޓޯތަކުން ފެންނަ އިރު ތަންކޮޅެއް ދުރުގައި އިންޑިއާގެ ކޯސްޓްގާޑު އޮވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ‏އދ. މަހިބަދޫއަށް ނިސްބަތްވާ ”އަސުރުމާ 3“ ދޯނި އޮތީ މަލިކު ކައިރީ އިންޑިޔާގެ ސަރަހައްދުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައެވެ. އެ މަސްދޯނި ވަނީ ކޯމަސް އައިނެއް ފަހަތުން ދުއްވާފައި ގޮސް، ރާއްޖޭގެ ސަރަހައްދު ފަހަނަ އަޅާ ގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގެ މަސް ދޯންޏަކަށް އިންޑިއާގެ އަސްކަރިއްޔާ ސިފައިން އަރައި އެ ދޯނި ބަލައި ފާސްކުރަނީ

އިންޑިޔާ ސިފައިން ވަނީ އެމީހުންގެ އިގްތިސޯދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އޮތް ދޯނި، އެތަނުގައި ކުރަނީ ކޮން ކަމެއްތޯ އަހައި، އަދި ކޮން ގައުމެއްގެ ބައެއްތޯ ސާފު ކޮށްފައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

ތުރާކުނުން 35 މޭލު ބޭރު ވީމައި ރާއްޖޭގެ ސަރަހައްދުން ބޭރުވާ އިރު އެ ދޯނި އޮތީ 75 މޭލު ބޭރުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖޭގެ މަސް ދޯންޏަކަށް އެރި ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން ވަނީ އެ ދޯނި ހިފަހައްޓާފައިވާ ސަރަހައްދަށް ގޮސްފައެވެ. އެ ދޯންޏަށް އެރީ ކޮން ގައުމެއްގެ ސިފައިން ކަން މިހާތަނަށް އައި އިރު ވެސް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެެވެ.

މިކަމާ ބެހޭ ގޮތުން ބޮޑު ކަންނެލި މެސްވެރިންގެ ޔޫނިއަންއިން ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އދ މަހިބަދޫ 'އަސުރުމާ 3' ދޯންޏަށް އިންޑިއާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް ސިފައިން އަރައިފިކަމަށް މައުލޫމާތު ލިބިފައު ވާ ކަމަށް ބުނެފައެވެ. މިކަން ކުށްވެރި ކުރާ ކަމަށް ބުނެ އެ ޔޫނިއަންއިން ވަނީ މިކަން ތަހްގީގު ކުރުމަށް ގޮވާލާފައެވެ.