ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން އެފްއޭއެމަށް ފީފާ އާއި އޭއެފްސީން ޖަމާކުރި 10 ހާސް ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އެފްއޭއެމްގެ ދެ ވެރިއަކަށް ދައުވާކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑު، ޗީފް އިންސްޕެކްޓަރު ޔޫސުފް ލޫތު ވިދާޅުވީ، އެފްއޭއެމަށް އެކި ޖަމިއްޔާ ޖަމާއަތްތަކުން ދިން ފައިސާ އަށް އެ އެސޯސިއޭޝަންގެ ބައެއް އިސްވެރިން ހިޔާނާތްތެރިވެ، އެ މީހުންނާ ގުޅުންހުރި އެކައުންޓުތަކަށް އެ ފައިސާ ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި މަނީ ލޯންޑަރިންގެ މައްސަލައެއް ތަހްގީގުކުރަމުންދާ ކަމަށެވެ.

ލޫތު ވިދާޅުވީ، މި މައްސަލަތައް ތަހުގީގުކުރުމަށްޓަކައި ފުލުހުން ބައެއް ތަންތަން ފާސްކޮށް، ހެކީގެ ގޮތުގައި ބައެއް ލިޔެކިއުންތަކާއި އިލެކްޓްރޯނިކް ބައެއް ވަސީލަތްތައް ގެންގޮސްފައިވާ ކަމަށެވެ.

މީގެ ތެރެއިން ފުލުހުން ބަލަމުންދާ ބައެއް މައްސަލަތަކުގެ ތަފްސީލު ލޫތު ދެއްވިއެވެ. އެގޮތުން:

  • ފީފާ އިން އެފްއޭއެމަށް ޖަމާކުރި 10 ހާސް ޑޮލަރު އެ އެސޯސިއޭޝަނުގެ އިސްވެރިއެއްގެ އެކައުންޓަށް ޖަމާކޮށް ބޭނުންކުރިކަމުގެ ހެކި ލިބިފައިވާތީ، ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވިފައިވޭ
  • ކޮވިޑާ ގުޅިގެން ޖަމާކުރި 1.9 މިލިއަން ޑޮލަރާ ގުޅުންހުރި މައްސަލައިގެ ތަހްގީގުގެ ބޮޑު ބައެއް ނިމިފައިވޭ

ބައެއް މަސްދަރުތަކުގައިވާ ގޮތުން، ފުލުހުން ޕީޖީ އޮފީހުގައި އެދުނީ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ދައުވާކޮށްދިނުމަށެވެ. އެކަމަކު ދައުވާކުރަން ފޮނުވި މީހުންގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.