ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއެއްގެ ބޯޑިން ޓީމަކުން އަރައިގެން އެމްއެންޑީއެފުން ބަލަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން ބަލަން ފަށާފައިވާ ކަމަށެވެ.

އަދި އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރުދަނީ ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިކަން ހިނގާފައިވަނީ ކިހާ ހިސާބައެއްގައި ކަމެއް އަދި ދިވެހި ދޯންޏަށް އެރީ ކޮން ގައުމެއްގެ ސިފައިންނެއް ކަމަށް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

މިކަމާ ބެހޭ ގޮތުން ބޮޑު ކަންނެލި މެސްވެރިންގެ ޔޫނިއަންއިން ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އދ މަހިބަދޫ އަސުރުމާ 3 ދޯންޏަށް މިވަގުތު އިންޑިއާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް ސިފައިން އަރައިފިކަމަށް މައުލޫމާތު ލިބިއްޖެ ކަމަށެވެ.

މިކަން ކުށްވެރި ކުރާ ކަމަށް ބުނެ އެ ޔޫނިއަންއިން ވަނީ މިކަން ތަހްގީގު ކުރުމަށް ގޮވާލާފައެވެ.