ރާއްޖެ އާއި ލަންކާ އަދި އެހެނިގެން ގައުމުތައް ހިމެނޭ ގޮތުން މިސަރަހައްދަށް ޗައިނާގެ ނުފޫޒު ފޯރުވާ މައްސަލައިގައި އިންޑިއާގެ ޕޮލިސީއަކީ ކޮބައިތޯ ނޫސްވެރިއަކު އެހުމުން، ޗުއްޓީއެއް ހޭދަކުރަންޏާ އެންމެން [އިންޑިއާ މީހުން] ލަންކާ އަށް ދިޔުމަށް ޖައިޝަންކަރު ގޮވާލައްވައިފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މިހެން ވިދާޅުވީ، އިގްތިސޯދީ ގޮތުން ލަންކާ އަނދަވަޅަކަށް ވެއްޓުނު ވަގުތު އެހީތެރިވި ހަމައެކަނި ގައުމަކީ އިންޑިއާ ކަމަށާއި ލަންކާއަށް ހޮލިޑޭއެއްގައި ގޮސް އިންޑިއާ އާ މެދު ދެކޭގޮތުން އާންމުން ކުރެން އަހައިފި ނަމަ އުފަލުން ރޮވޭނެ [އިންޑިއާ މީހުން] ކަމަށް އިޝާރާތް ކުރައްވަމުންނެވެ.
އޭނާ ވިދާޅުވީ، ލަންކާއަށް ފަހު ދެން ޗުއްޓީއަށް ދާންވީ ނޭޕާލަށް ކަމަށާއި ނޭޕާލުގައި ކުރިއަރަމުން އަންނަ އިގުތިސޯދުގެ ތަޖުރިބާތައް ކޮށްލުން މުހިންމު ކަމަށެވެ.
ޗައިނާގެ ނުފޫޒާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، ޗައިނާ އަކީ ވެސް މިސަރަހައްދާ ކައިރި ގައުމެއް ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސޯދަށް ވާއިރު އެމީހުން ކުރަން ބޭނުންވާ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ. އެއީ އިންޑިއާ އަށް މައްސަލައަކަށް ވެސް ވާން ނުޖެހޭ ކަމަށާއި އިންޑިއާ އިން ކުރަން ވީ ކަމަކީ ޗައިނާ އަށް ވުރެ މޮޅަށް އަދި ރަނގަޅަށް ކަންކަން ކުރެވޭތޯ ބެލުން ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ، ބައިނަލްއަގުވަމީ ސިޔާސަތުގައި ނުވަތަ ޕޮލިޓިކްސްގައި އެބަޔަކު ކަންކުރަން ބޭނުންވާ ގޮތަކަށް ކަން ކުރުމަކީ އެބައެއްގެ ހައްގެއް ކަމަށާއި އެހެން ކަމުން ޗައިނާއިން ވެސް އެމަގަށް ކަންކަން ކުރާނެ ކަމަށެވެ.
އިންޑިއާއިން ގެންގުޅޭ 'ނޭބާހުޑް ފަސްޓް ޕޮލިސީ" ފެއިލްވީތޯ ނުސްވެރިޔާ އެހުމުން އޭނާ އެކަމަކަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނޫސްވެރިޔާގެ ސުވާލު އަމާޒު ކުރި މައިގަނޑު މަފްހޫމަކީ އިންޑިއާއިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން އަވައްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުމަށް އަސަރު ކުރަމުން ދާ މައްސަލައަށް އަމާޒު ކުރި ސުވާލެކެވެ.
ދޭދޭ ގައުމުތަކުގެ ސިޔާސަތު ތައް ބައްޓަންވެފައި ހުންނަ ގޮތުންނާއި އަވައްޓެރިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް އިންޑިއާ ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ކޮންމެވެސް މާނައެއްގައި އިންޑިއާ އާ ނުޖެހޭ [ބަހުގެ ހަމަލާތައް ދިނުން] ގައުމެއް ސާކުގައި ނެތެވެ.