ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އޮތް ނުތަނަވަސް ކަމަކީ ކޮބައިތޯ ބަލާ، އެކަން ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވީ މިނިސްޓަރުންނަށް ރުހުން ދިނުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓުން އޭނާއަށް ރުހުން ނުދިނުމަށް ނިންމުމާ ގުޅިގެން އަލުން އެ މަގާމަށް އައްޔަންކުރުމުން މަރުހަބާ ދަންނަވަން އެ މިނިސްޓްރީއިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ އެއީ އާ ކަމެއް ނޫން ކަމަށާއި އެކަހަލަ ކިތަންމެ ކަމެއް ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކުރިަމތިވެފައިވާ ކަމަށެވެ. އަދި ކުރިއަށް ދާން އޮތީވެސް ފަސޭހަ މަގެއް ނޫން ކަމަށާޢި އެހެންނަމަވެސް އަޒުމާ ހިތްވަރާއެކުގައި ކުރިއަށްދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރުން އޭނާއާ ދޭތެރޭގައި އޮތް ނުތަނަވަސް ކަމަކީ ކޮބައިތޯ ބަލާ އެކަންތައްތައް ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށާއި ރައްޔިތުން މަޖިލީހަކީ ރާއްޖޭގެ ދިމިގްރާތީ ނިޒާމުގެ އެންމެ މަތީ އެއް މުވައްސަސާ ކަމަށެވެ. އަދި އެ މުވައްސަސާއާ އިސްލާމިކް މިނިސްޓްރީ ހިންގަން ހުންނަ ފަރާތަކާ ދެމެދު ނުތަނަވަސްކަން އޮވެގެން ނުވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޝަހީމް ވިދާޅުވީ ސިޔާސީ ތޫފާނުގެ ތެރެއިން އަންނަ ރޯޅީގައި މި ވުޒާރާ ބަލިކޮށް ނުލެވޭނެ ކަމަށާއި މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދިޔައީ މަސައްކަތް ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް ކަމަށެވެ. އަދި އެ ގޮތް ކަނޑައެޅި އިއްޔެގައި އެކަމުގެ ޕްލޭން ނެރުނު ވަގުތަކީ އިތުބާރު ނެތް ކަމަށް ފާސްކުރި ވަގުތު ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އެއާއެކު ރައްޔިތުންގެ ފަރާތުން ލިބުނު ލޯތްބާއި އިހުތިރާމާއި ފާޅުކުރަމުންދިޔަ ޝުއޫރުތަކާއި ސޯޝަލް މީޑިއާގައި ބަންޑުންކޮށްލި އިހުސާސްތަކަކީ އެކަމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށާއި މިނިސްޓްރީގެ މުވައްޒަފުން ފޮނުވި ހެޔޮ ދުއާއާއި ޝުއޫރަށްޓަކައި މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
ސިޔާސީ މާހައުލުގެ ތެރޭގައި އުޅޭއިރު އެ ބާވަތުގެ ކަންކަން ދިމާވާނެ ކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އެކަމަށްޓަކައި ހިތުގައި އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނެތް ކަމަށާއި ރައްޔިތުން މަޖިލީހުގެ ނިންމުންތަކަށްވެސް އަބަދުވެސް އިހުތިރާމުކުރައްވާނެ ކަމަށެވެ. އަދި އެ މިނިސްޓްރީގެ މަސައްކަތްތަކުގައި އެއްވެސް ތަފާތުކުރުމެއް ނޯންނާނެ ކަމަށާއި ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކެއް އެ މިނިސްޓްރީގެ ކަންތައްތަކުގެ ތެރެއަކަށް ނާންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމް ދީނުގެ އަހުލާގު ކުރިއަށް ނެރެ އަމާނާތްތެރިކަމާއެކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.