ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނޫނީ ރާއްޖެ ދެކެފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން، މިއަދު ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި އިސްލާމިކް މިނިސްޓަރު ޝަހީމްއަށް ރުހުން ދީފައި ނުވާއިރު، މިކަމާ ގުޅިގެން 'އެކްސްގައި ޝަހީމް ވިދާޅުވީ ރައީސް ސޯލިހްއަކީ ވެރިކަމުގައި ހުންނަވައިގެންވެސް އަދި ވެރިކަމުން ދުރުވެ ވަޑައިގަތުމަށް ފަހު ވެސް ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި' ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެ އިތުރުން ޝަހީމް ވަނީ ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރިއަސް، ގައުމަށް ހިދުމަތް ކުރެއްވުމަށް އެނބުރި އަދި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ރާވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.
އިދިކޮޅު އެމްޑީޕީން އޭނާއަށް ރުހުން ނުދޭނެ ކަމަށް ބުނުމާ ގުޅިގެން ފޭސްކްބުކްގައި މީގެ ކުރިން ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރުހުން ނުދިންކަމުގައި ވިޔަސް ހިދުމަތައް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެމްޑީޕީން އެތައް އަހަރެއް ވަންދެން އޭނާގެ އަބުރު ކަތިލައި ދަރީންނަށް ވެސް ދުއްތުރާ ކޮށްފައި ވާކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ އޭނާއަކީ ޓެރަރިސްޓެއް ކަމަށް ސިފަކޮށް އޯއިސީގެ ވަޒިފާއަށް ވެސް ހުރަސް އަޅާފައި ވާކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން 31 މެންބަރުން ވޯޓު ދީފައިވާއިރު 30 މެންބަރުން ވަނީ ޝަހީމަށް ރުހުން ދިނުމަށް ފެންނަކަމަށް ވޯޓު ދީފައެވެ.
ޝަހީމް މި މޭރުމުން މިއަދު ވާހަކަ ދައްކަވާފައި ވާ އިރު އޭނާ އަށް ރައްދު ދެއްވައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ، "ރިޔާސީ އިންތިހާބުގެ 1 ބުރުގެ ކުރިން އަޅުގަނޑާއި މަނިކުފާނާއި ބައްދަލުވި. އެދުވަހު މަނިކުފާނު ވިދާޅުވި ރައީސް ސޯލިހަކީ ހެޔޮލަފާވެރިއެއް ކަމަށާއި، ދުވަހަކުވެސް އެމަނިކުފާނާއި ދެކޮޅުނުވާނެ ކަމަށް. މަނިކުފާނާއި ނުލާވެސް އިންޝާ ٱللَّٰهُ ރާއްޖެގެ އިސްލާމީ ވަހުދަތުދާނީ ވަރުގަދަވަމުން" އެވެ.