އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ވަޒީރުންނަށް ރުހުންދިނުމަށް ތާވަލުކޮށް މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ އެއް ބާއްވަން އެންމެ ފުރަތަމަ ނިންމީ އިއްޔެ ހެނދުނެވެ. އެކަމަކު މެންދުރުފަހު 1:30 ގައި ވަޒީރުންނަށް ރުހުންދިނުމަށް ވޯޓަށް އަހަން އޮތް ވަގުތު ސަރުކާރު މެންބަރުން ހުރަސް އެޅުމުން، ޖަލްސާ ކުރިއަށްދާ ގޮތެއް ނުވިއެވެ. އެހެންވެ ރޭ 8 ޖަހާއިރު ޖަލްސާ އަލުން ފެށި ނަމަވެސް ކުރިއަށް ނުދިޔައެވެ.

އެންމެ ފަހުން ވަޒީރުންނަށް ރުހުންދިނުން މިއަދު 1 ޖަހާއިރަށް ތާވަލުކޮށް، ވަނީ ކުރިއަށް ގެންގޮސްފައެވެ. ދުންމާރީގެ އަޑާ އެކު މިއަދުގެ ޖަލްސާ ފެށި ނަމަވެސް، 15 މިނެޓެއްހާ އިރު ފަހުން އަމާންކަމާ އެކު ވޯޓުލުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ ޖަލްސާގައި ޝަހީމަށް ރުހޭ ކަމަށް 30 ވޯޓު ލިބުނުއިރު ނުރުހެ ކަމަށް 31 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ 8 މެންބަރުން ތިއްބެވިއެވެ.

މިއާއެކު ޝަހީމަށް ރުހުން ލިބިވަޑައިނުގެންނެވި އިރު ޝަހީމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން ދިޔަ ކެމްޕެއިންގައި ކުރީ ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ.

ޝަހީމަށް ރުހުން ނުދޭން ނިންމި ސީދާ ސަބަބު އެމްޑީޕީން ހާމަ ކޮށްފައި ނުވާ އިރު، މިއަދު ޝަހީމުގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ވެސް ރުހުން ލިބިފައެއް ނުވެއެވެ.