އުރީދޫއިން ސަރުކާރަށް ދައްކަން ޖެހޭ ޓެލެކޮމް ފީ 5 ޕަސެންޓަށް ދަށްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިފަދައިން ސަރުކާރުން ނިންމާފައި ވަނީ އެ ކުންފުނިން އެދިގެން ކަމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމު ވިދާޅުވިއެވެ. އަދި އެފަދައިން ނިންމާފައި ވަނީ ބަދަލުގެ ގޮތުގައި ތެލެސީމިއާ ހޮސްޕިޓަލެއް އަޅަން އުރީދޫއިން 100 މިލިއަން ރުފިޔާ ދޭ ގޮތަށް ކަމަށް އޭނާ ހާމަ ކުރެއްވިއެވެ.

އުރީދޫއިން ސަރުކާރަށް މީގެ ކުރިން ދައްކަމުން ދިޔައީ ފައިދާގެ ހަ ޕަސެންޓެވެ. އެއީ ކުލީގެ ގޮތުގައި ދައްކާ ފަސް ޕަސެންޓާއި އައިޓީސީ ދާއިރާ ކުރިއެރުވުމަށް ދައްކާ އެއް ޕަސެންޓެވެ.

ތެެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމާއި އެ ކުދިންނަށް ބޯންމެރޯޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ހިމެނޭ ކަންތަކެވެ. މި އެއްބަސްވުމާއެކު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެހުނީއެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދާއިރު ތެލަސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބަލްސް އެސްޓީއޯ މެދުވެރިކޮށް އާސާންދައިގެ ތެރެއިން ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.