އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މި ދެ ބޭފުޅުންނަށްވެސް ރައީސް ތަހުނިޔާ ވިދާޅުވެފައި ވަނީ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވެވި މެސެޖެއްގައެވެ. އެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏ރައީސްގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އެ ގައުމުގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ވަނީ ފޮނުއްވާފައެވެ.

އަދި އެ މެސެޖުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއްގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ކުރިއަތް އޮތް އަހަރުތަކަކީ އިންޑިއާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއްކަމުގައި ވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ޒަމާނުއްސުރެ ރާއްޖެއާއި އިންޑިއާ ދެމެދު ވަރުގަދަ ގުޅުމެއް އޮތް ނަމަވެސް ދާދިފަހުން އިންޑިއާއިން އެ ގައުމުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރަމުންދިއުމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ވަނީ ބޮޑު ހީނަރު ކަމެއް އައިސްފައެވެ.

އެގޮތުން ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ސަރަހައްދުގައިވާ ލަކްޝަދީބުގެ ރަށްތަކަށް ޒިޔާރަތްކުރުމަށް ގޮވާލައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ކުރެއްވި ޕޯސްޓެއް ރީޕޯސްޓުކޮށް، މިކަމުގެ ސަބަބުން ލަކްޝަދީބަށް އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުން އެކަށީގެންވާ ކަމަށް އިންޑިއާގެ މީހަކު ކުރި ޕޯސްޓަކާ ގުޅިގެން، ރާއްޖޭގެ ތިން ނައިބު ވަޒީރަކު މޯދީ އަށް ބޭއަދަބީކޮށް މުހާތަބުކުރި މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

އަދި މިދޔަ ސަރުކާރުތަކުން އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅުނު ނަމަވެސް ވެރިކަން ކުރުމުގައި އެއްވެސް ގައުމަކަށް ބަރޯސާ ނުވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން ދަނީ އިންޑިއާ އާއި ފެޔަށް ޖެހި، ޗައިނާ ގުޅުން ވަރުގަދަ ކުރަމުންނެވެ. އެގޮތުން ދާދިފަހުން ރައީސް ވަނީ ޗައިނާއަށް ވަޑައިން ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކޮށް އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އައުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފައެވެ.