އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ޗެރިޓީ ފަންޑުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު ހަދިޔާ ކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ، އެ އެނދުތަކަކީ ޖުމްލަ 504،000 ރުފިޔާގެ އަގުހުރި ޒަމާނީ ފެންވަރުގެ މެޑިކަލް އެނދުތަކެއް ކަމަށާއި މީގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ އެތައް ބަޔަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މިއަދު އިސްލާމީ މަރުކަޒުގައި އެނދުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ތަކެއްޗާ ރަމްޒީގޮތުން ހަވާލުވެވަޑައިގެންނެވީ ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. މިތަކެތި މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު، ރައްޔިތުންގެ ހައްގުގައި އޯގާތެރިކަމާއި އަޅާލުމާއެކު، އެކަކު އަނެކެއްގެ ދަތިތައް ހައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުން އަންނަ ތަން ފެނުމުން އުފަލާއި ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށެވެ. ހަމަމިއާއެކު މުޖުތަމައުގެ އެންމެ ނިކަމެތި މީހުންނަށް އަޅާލެވޭ މިންވަރަކީ މުޖުތަމައުގެ އިހުސާންތެރިކަން ވަޒަންކުރެވޭ މިނެއް ކަން ދިރާސާތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާންމުން ހައިރާތުގެ ގޮތުގައި ދޭ ފައިސާ ދެފުށް ފެންނަ ގޮތަށް، މި މުޖުތަމައުގައި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހޭދަކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރު ދެންނެވިއެވެ.

ކ. ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކަކީ ކޮންމެވެސް މީހެއްގެ ގާތްތިމާގެ މީހެއް، މަންމައެއް ނުވަތަ ބައްޕައެއް ކަން ފާހަގަ ކުރައްވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީން ކުރާ މިންނަތް މަސައްކަތުގެ ތެރެއިން، އެ ފަރާތްތައް އާއިލާތަކަށް އަނބުރާ ހަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ މަރުކަޒަކީ ވަގުތީ ތަނެއް ކަމަށާއި، ހަގީގީ އަމާޒަކީ އެތަނުގައި ތިބި ފަރާތްތައް މުޖުތަމައަށް އަނބުރާ ގެނެސްދީ، އަބުރުވެރި އުފާވެރި ދިރުއުޅުމެއް ހޯދައި ދިނުން ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އިހުސާންތެރި ކަމަކީ އިސްލާމްދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމެއް ކަމަށާއި، މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އޯގާތެރިކޮށް ހިތުމަކީ އިސްލާމީ މުޖުތަމައުގެ އެންމެ މުހިންމު އެއް އިޖުތިމާއީ އަހްލާގު ކަމަށެވެ. އަދި އެ މިނިސްޓްރީން ވަރަށް ގިނަ ރައްޔިތުން މިސްކިތްތަކުގެ މަރާމާތަށާއި ދީނީ ކަންކަމަށް އެހީތެރިވުމަށް އެމީހުންގެ ހައިރާތު ފައިސާ ހަވާލު ކުރާކަމަށް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އެގޮތުން މިއަދު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ދެވުނީ އެ ހައިރާތުގެ ތެރެއިން ކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.