އިޒްރޭލުން ފަލަސްތީނުގެ އަވަށްތަކަށާއި ރެފިއުޖީ ކޭމްޕްތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށް، ވަޒަންވެރިން ފަލަސްތީނަށް ދޭ ހަމަލާތަކާއި ފުރައްސާރަތައް އިތުރުވަމުންދާއިރު، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދަނީ ހަމަނުޖެހުންތައް އިތުރުވަމުންނެވެ.

އިންސާނުންގެ ފުރާނަ ގެއްލިފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރު ވެފައިވާއިރު، އދ.ގެ އޮފީސް ފޮ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްއިން ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގައި ކުޑަކުދިން ހިމެނޭހެން ފަލަސްތީނުގެ 30 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އެތައް ހާސް ބަޔަކު ހައްޔަރުކޮށް އިޒްރޭލުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެތައް ބަޔަކު "އިދާރީ ބަންދު" ނިޒާމުގެ ދަށުން ވަނީ ބަންދުކޮށްފައެވެ. އެ ނިޒާމުގެ ދަށުން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ފަލަސްތީނު މީހުން އެއްވެސް ދައުވާއަކާ ނުލައި މުއްދަތެއް ނެތް ގޮތަށް ހިފަހައްޓައެވެ.

ބިރުވެރިކަމާއި ނުތަނަވަސްކަން އިތުރުވަމުންދާ ހުޅަނގު އައްސޭރީގެ އެކި ކަންކޮޅުތަކުގައި ތިބި ގިނަ ބަޔަކު ވަނީ އެމީހުންނަށް ކުރިމަތިވެފައިވާ ހާލަތާއި، ހާލަތުގެ ސަބަބުން އެމީހުންނަށް އަސަރުކުރަމުންދާ ގޮތާއި، ބާރުގެ ދަށުގައި ދިރިއުޅުމާމެދު އެމީހުންގެ ވިސްނުމަކީ ކޮބައިތޯ ކިޔައިދީފައެވެ.

ނައުރް، ގާނޫނީ ވަކީލު އަދި ފުލްބްރައިޓް އިލްމުވެރިޔާ، ޖެނިން

އަހަރެން އުފަންވެ ބޮޑުވީ ޖެނިންގައެވެ. 2000 ވަނަ އަހަރުގެ ދެވަނަ އިންތިފާދާ އައިއިރު، އަހަރެންގެ އުމުރަކީ ގާތްގަނޑަކަށް ހަ އަހަރެވެ.

"އަހަރެންނާއި މަންމަ އާއި އަވަށްޓެރިން ނަމާދު ކުރަމުން ދިޔައީ ބަޑިޖެހުމާއި އިމާރާތްތައް ހަލާކުވާ އަޑުތައް އިވޭތީ ބިރުން. ޖިޕްތައް އައި ހަނދާން އަހަރެން އެބަހުރި. ސިފައިންގެ މީހަކު ޖިޕެއްގެ ފަހަތު ދޮރު ހުޅުވާލުމާއެކު އަހަރެން ހަޅޭއްލަވަން ފެށިން. އެއީ އެކަހަލަ ކަމެއް ފެނުނު ފުރަތަމަ ފަހަރު."

"އަހަރެން ގޮވައިގެން އެތެރެއަށް ވަންނަން މަންމަ އަހަރެންގެ އަތުގައި ހިފި. އަހަރެން ހުރީ ބިރުން ގަޔަށް ހީސްލެވިފައި. އަދި ނަފްސާނީ ގޮތުން ވަރަށް ބަލިކަށިވެފައި. އެކަމަށްޓަކައި މަންމަ ގާތު އަހަރެން މާފަށް އެދުނިން."

"ގާޒާގެ ކުދިންނަށް މިއަދު އެ ދިމާވާ ކަންތައްތަކުގެ ސަބަބުން އަހަރެން ހަނދާން ވަނީ އެދުވަސްތައް. ޖެނިން އިން ފިލައިގެން ނަބްލޫސް އަށް ގޮސް ކިޔަވައި ދަސްވެނިވީ. ގާނޫނީ ވަކީލުކަން ކުރަން ރާމަالله އަށް ދިޔައީ. މާސްޓާސް ހަދަން ދިޔައީ އެމެރިކާއަށް."

"އަހަރެން އެމެރިކާއަށް އައި ފަހުން ފުލުހުން ފެންނަ ކޮންމެ ފަހަރަކު ވަރަށް ބިރު ގަނޭ. ހީވަނީ ގޯސްކޮށް ކަމެއް ކުރެވިފައި ވާހެން. އަހަންނަށް ހީވަނީ އެއީ ޗެކްޕޮއިންޓްތަކުން އަބަދު ފުލުހުންނާއި ސިފައިން އަހަރެމެން ހިފަހައްޓަ ހިފަހައްޓާ ގޮސް އަހަރެންނަށް ތަޖުރިބާ ކުރަން ޖެހިފައިވާ ޓްރޯމާއެއް ހެން."

ގާޒާ ކުޑަކުދިންނަށް ދިމާވާ ކަންތައްތަކުގެ ސަބަބުން އޭނާގެ ކުޑައިރުގެ ބިރުވެރި ހަނދާންތައް އާވާކަމަށް ނައުރް ބުނޭ

"ގެއިން ނުކުންނަ އިރުވެސް އަބަދުވެސް ދުއާ ކޮށް ކޮށް ހުންނަން ޖެހޭނީ. ކާރަކަށް އެރިޔަސް، ރައްޓެހިން ކައިރީ ހުއްޓަސް. އެއީ ނޭނގޭނެ ކުރިއަށް ވާން އޮތް ގޮތެއް. ކޮންމެ ކަމެއްގައިވެސް އަހަރެން ހަނދާން ވަނީ އަހަރެމެންގެ ދިރިއުޅުމުގައި ބަރުދާސްތުކޮށްފައިވާ ތަޖުރިބާ. އަދިވެސް އެ ކަންތައްތައް ހުއްޓުމެއް ނެތި އަންނަނީ ހިނގަމުން."

"އަހަރެން ހަނގުރާމަ ކުރަން ހިޔާރުކުރީ ގާނޫނީ ދާއިރާ ކިޔަވައިގެން. މިތަނުގައި ކުރާ ކޮންމެ ކަމެއް، ކޮންމެ އަމަލަކީ ވެސް ރެސިސްޓެންސް އެއް. އަހަރެން ބިރުގަނޭ، އެކަމަކު ކޮންމެ ފިޔަވަޅެއްގައިވެސް ވިސްނަނީ އާއިލާއާ މެދު. ކޮންމެ ދުވަހަކު ވެސް ރަމަالله އިން ޖެނިންއަށް އެމީހުންނަށް ޒިޔާރަތްކުރަން ދާއިރު އަހަންނަށް ފެނިފައިވަނީ އާބާދީތަކާއި ޗެކްޕޮއިންޓްތަކާއި ވަޒަންވެރިންނާއި ސިފައިން މަޑުކޮށްގެން ތިބޭތަން. ތިބާގެ މޫނަށް ބަޑި ދިއްކުރާ މަންޒަރު."

"ހިތަށް އަރާ އަދިވެސް އަހަރެން މިތާ ކީއްބާއޭ މިކުރަނީ. އަދި މީހަކު، ފުރާނައެއް މަރާލެވިފައިވާތަން ފެނިއްޖެނަމަ، ހިތައް އަރާ އެއީ އަހަރެން ނަމައޭ."

"ގާޒާގެ ރައްޔިތުންނާމެދު އަހަންނަށް އިހުސާސްކުރެވެނީ އެގޮތަށް. އަހަރެން ހިތަށް އަރާ އަހަންނަށް ކަމެއް ކޮށްދެވޭނެ ނަމައޭ. އެކަމަކު ކޮށް ނުދެވޭތީ ހިތަށް އަރަނީ އަހަރެން ދިރިހުރުމަކީވެސް ކުށްވެރި ކަމެކޭ. އެމީހުންނާއެކީ އެމީހުންގެ އިހުސާސްތައް ތަޖުރިބާކޮށް، ހިތާމަތައް ހިއްސާކުރަން ދެވެން ނެތުމުން ވަރަށް ހިތާމަކުރަން."

ޝާދީ، ކުރީގެ ސިޔާސީ ގައިދީ، ހިފާފައިވާ އިރުމަތީ ގުދުސް

"އިރުމަތީ ގުދުސްއަށް ނިސްބަތްވާ އަހަރެންގެ އުމުރަކީ 47 އަހަރެވެ."

"ހަޔާތުގެ ގާތްގަނޑަކަށް 23 އަހަރު އަހަރެން ޖަލުގައި ހޭދަކުރިން. އެންމެ ފަހުން އަހަރެން ޖަލުން ނުކުތީ މީގެ 18 މަސް ކުރިން."

"ސަރަހައްދީ އަދި އިޒްރޭލުގެ ކިޔެވުމުގެ ރޮނގުން އަހަރެން ވާނީ މާސްޓާސް ހާސިލްކޮށްފައި. ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން އަދި ޕޮލިޓިކަލް ސައިންސް ދާއިރާއިން އަހަރެން ވާނީ ދެ ބީ.އޭ ހާސިލްކޮށްފައި."

"ޖަލުގައި އެމީހުން އަހަރެމެންގެ ކިޔެވުމަށް ހުރަސް އެޅި. ޖަލު ގޮޅިތަކުގައި ކްލާސްތައް ހަދައި، ފޮތްތައް އެތެރެކުރީ އަހަރެމެން ވަގަށް. ބައެއް ފަހަރު ޖަލު ގާޑުންނަށް ފެނުނީމަ ފޮތްތައް އަތުލާނެ. އެކަމަކު އަހަރެން ހިތްވަރު އެލުވައެއް ނުލަން. ލިބުނު ކޮންމެ ފުރުސަތެއްގައިވެސް ކިޔެވިން. އެއީ އަހަރެންގެ މުސްތަގުބަލަށްޓަކައި އަހަރެން ކުރި ވަރަށް މުހިންމު ކަމެއް."

"ފުރަތަމަ ފަހަރަށް ޖަލަށް ދިޔަ އިރު، ފުރަތަމަ އިންތިފާދާގައި އަހަރެންގެ އުމުރަކީ ގާތްގަނޑަކަށް 13 އަހަރު. އެއީ ވަރަށް ބިރުވެރި ކަމެއް. އިޒްރޭލު ސިފައިންނާ ދިމާލަށް ހިލަ އުކި ކަމަށް ތުހުމަތު ކޮށް، އެމީހުން އަހަރެންނަށް ވަރަށް އަނިޔާކުރި. އެމީހުން އަހަރެންގެ ގައިގައި ތަޅަމުން ދިޔައީ އަހަރެންގެ އަނގައިން އެކަމަށް އެއްބަސް ކުރުވަން. އެކަމަކު އަހަރެން އެއްބަހެއް ނުވަން. 40 ދުވަސް ފަހުން އަހަރެން ދޫކޮށްލީ ކޯޓުން."

"ބަންދުގައި ތިބޭ އެންމެން ގައިގައިވެސް ތަޅާ ތެޅުމެއް އޮވޭ. ޝަބާ ކިޔާނީ އެކަމަށް. ފަސް ދުވަސް ވަންދެން ބައިންދާނީ ގޮނޑިއެއްގައި އައްސާފައި. ފަސް ދުވަސް ވަންދެން އިންނަން ޖެހޭނީ ލޮލުފިޔަވެސް ޖަހާނުލާ. ހޭނެތިގެން ވެއްޓުނަސް، ހޭ އަރަންދެން އަނިޔާ ކުރާނެ. އެއީ އަހަރެން ވަރަށް ކުޑައިރު."

މުސްތަގުބަލަށްޓަކައި ކަމެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް: ޝާދީ

"ހަތަރު ވަނަ ފަހަރަށް އަހަރެން ޖަލަށް ލީ، އިޒްރޭލުގެ ކާރުތަކުގައި ރޯކޮށްލުމާއި ހިލަ އުކައި، ގަވައިދާ ހިލާފަށް ހިންގާ ޖަމިއްޔާއެއް ކަމަށްވާ ޕޮޕިއުލާ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ފަލަސްތީންގައި އުޅުނު ކަމުގެ ތުހުމަތުގައި. ގާތްގަނޑަކަށް 18 މަސް ވަންދެން ޖަލުގައި ހުރިން."

"އޭގެ ފަހުން ގައުމުން ބޭރަށް ކިޔަވަން ގޮސް 2002 ވަނަ އަހަރުގެ ކުރީކޮޅު އެނބުރި އައިތަނާ އިޒްރޭލު ސިފައިން އަހަރެން ހައްޔަރުކުރި. 20 އަހަރު ޖަލުގައި ހޭދަކުރިން.

"ގާޒާއަށް ފަހު އަހަރެމެންނަށް ހީވަނީ އެމީހުން ކޮންމެ ވަގުތަކު ވެސް އަހަރެމެން ހައްޔަރު ކޮށްފާނެއޭ. އެމީހުން އަހަރެންގެ ވަރަށް ގިނަ ރަހުމަތްތެރިން ވަނީ ހައްޔަރުކޮށްފައި. އިޒްރޭލުގެ އިންޓެލިޖެންސުން އަހަރެންނަށް ގުޅައި ދަނީ ބިރުދައްކަމުން."

"އަޑެއް އިވޭ ކޮންމެ ފަހަރަކު ކުޑަ ދޮރުން ބޭރު ބަލަން އަހަރެން ބަލާ އަންނަނީ ކަމަށް ހީކޮށް."

"އާއްމުކޮށް ފަތިހު އެމީހުން އަންނަނީ އެންމެން ނިދާފައި އޮންނަ ގަޑީ. އާންމުގޮތެއްގައި އެމީހުން ދޮރު ހުޅުވައިގެން ގެއަށް ވަދެ ހުރިހާ އެއްޗެއް ހަލާކުކޮށްލާނެ. އާއިލާ ގައިގައި ތަޅާނެ. އާއިލާ ކުރިމަތީގައި އާއިލާގެ އެންމެނަށްވެސް އަނިޔާ ކުރާނެ."

އަހެދު، އާޓިސްޓް އަދި ފޮޓޯގްރާފަރު، އަލްއަވްޖާ

"ހުތުރު ފާރުތަކެއްގައި އަހަރެންނަށް ކުރެހުންތައް ކުރަހަން ޖެހޭނެ ދުވަހެއް އަންނާނެ ކަމަކަށް ހިޔެއް ނުކުރަން. މިކަން ފެށުނީ އަހަރެންގެ ފުރަތަމަ ސްޓޫޑިއޯ ރާމަاللهގައި ހުރެ، އަހަރެން ޖެރޫސަލަމްގައި ދިރިއުޅެމުން ދިޔައިރު، ދުވާލަކު ތިން ޗެކްޕޮއިންޓް ހުރަސް ކުރަން ޖެހޭތީ. އެއް ދުވަހު ވަރަށް ހިތްވަރާއެކު އަހަރެންގެ ސްޓޫޑިއޯއަށް ދާން ދިޔައިން. އެއީ ވަރަށް ހިތްގައިމު، ރީތި ދުވަހެއް."

"އެކަމަކު ކޮންމެ ދުވަހަކު ވެސް އަހަރެން މި ދަނީ ބޮޑުބޭބެ ގެއާއި ބައްޕަގެ ގެ ވަކިކޮށްދޭ މި އަޅި ކޮންކްރީޓް ފާރު ހުރަސްކޮށް، ވަކިވާން ބަޔަކު ނިންމުމުން ތަފާތު ދެ ސްޓޭޓެއްގައި ދިރިއުޅެން މަޖުބޫރުވެގެން."

އެދުވަހު ސްޓޫޑިއޯއަށް ގޮސް ވިސްނަމުން ދިޔައީ މިކަމާމެދު. އަހަރެންނަކީ މިނިވަނެއް ނޫން. ކުރެހުމުގެ މަސައްކަތް ކުރަމުން މިއަންނަނީ ޖަލެއް ފަދަ ތަނެއްގައި. މިގޮތަށް ދާނަމަ އަހަރެންނަކީ މިނިވަން އާޓިސްޓެއް ކަމަށް އަމިއްލަ ނަފްސަކަށް ގަބޫލެއް ނުކުރެވޭ."

"އެހެންވީމަ އެންމެ ފުރަތަމަ އަހަރެންނަށް ޖެހުނީ ނަފްސާނީ އަދި ޖިސްމާނީ ހުރަހަކުން އަރައިގަންނަން."

މިނިވަން އާޓިސްޓެއްގެ އިހުސާސެއް އަހެދަށް ނުކުރެވޭ ކަމަށް އޭނާ ބުނޭ

"އަހަރެން ކޮންމެވެސް ދުވަހަކުން ބޭނުންވަނީ ސިޔާސީ ނޫން ފަންނާނަކަށް ވާން. ހަމައެކަނި މިތަނުގެ ރީތިކަމާ ގުޅޭ ކުރެހުންތައް ކުރަހަން. ދޫނި، ގޮނޑުދޮށް، ގަސް، މިތަނުގައި މި އޮތް ރީތި ސަހަރާ."

"އެކަމަކު އަހަރެން ސިޔާސީ ނޫން މަސައްކަތެއް ކުރަން މަސައްކަތް ކުރާއިރު އެކަމެއް ނުހިނގާ. ލޭންޑްސްކޭޕެއްގެ ސްކެޗެއް ހަދަން ބޭނުންނަމަ އޭގެ މެދުގައި އޮންނަ ސެޕަރޭޝަން ވޯލް ފެނުމުން ތިބާގެ މަސައްކަތް ސިޔާސީ މަސައްކަތަކަށް ބަދަލުވެގެންދޭ."

އިނެސް، ފަލަސްތީނު އިންސްޓިޓިއުޓް ފޮ ޕަބްލިކް ޑިޕްލޮމަސީގެ ޑިރެކްޓަރު

"މިއަދު ގާޒާގެ ޒުވާންނާމެދު ވިސްނާލަބަލަ. އެމީހުންގެ ކާބަފައިންގެ ގެދޮރު ގެއްލުވާލާއި، އަވަށް ހަލާކުކޮށްލުމުގެ ޝިކާރައަކަށް ވެފައިވާ މީހެއް. ދެން އޭގެ ފަހުން އެމީހުން ގާޒާގައި ރެފިއުޖީންނަށް ވީ. އެމީހުންގެ ދަރިންނާއި ކާފަދަރިންނަށް އެނބުރި ގައުމަށް ދިއުމުގެ ހައްގުން މަހުރޫމްކުރޭ."

"ދެން އެމީހުން ވަށާލަނީ. އެމީހުން ދިރިއުޅެނީ ބްލޮކަޑެއްގެ ދަށުގައި، އެ ސަރަހައްދަށް ވަދެ ނުކުމެވޭކަށް ނެތް. އެމީހުންނަށް ކަރަންޓެއް ނުލިބެ. ސާފު ފެނެއް ނުލިބެ."

"ހަމަނުޖެހުންތަކަށް އެނބުރި ދާނެތީ ޔަގީނުން ވެސް އެމީހުން ބަގާވާތްކުރަން ބޭނުންވާނެ. މުޅިން އިންސާނިއްޔަތާ ހިލާފުވެފައިވާ މިފަދަ ސިސްޓަމެޓިކް ހަމަނުޖެހުންތައް ތަޖުރިބާކުރާއިރު، އެކަމުގެ ސަބަބުން ކޮންމެވެސް ގޮތަކުން ހަނގުރާމަކުރުމަށް މަގުފަހިވެގެންދާނެ."

"މީހުންނަށް ވިސްނައިދޭން މަސައްކަތް ކުރާތީ އެކަމާ ދެކޮޅު ހެދުމުގެ ހައްގެއް އެބައޮތް. ޔަގީނުންވެސް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ މިނިވަންކަމަށް ވަކާލާތުކުރަމުން ގެންދާނެކަން ޔަގީން."

ފަލަސްތީނުގެ ޖީލުތައް ހަލާކުކޮށްލުމުން ވަރުގަދަ ދެކޮޅުވެރިކަމެއް އުފެދިފައިވާކަމަށް އިނެސް ބުނި

"2022 ވަނަ އަހަރާއި 2023 ވަނަ އަހަރު އިޒްރޭލުގެ އަސްކަރިއްޔާއިން ގާތްގަނޑަކަށް ކޮންމެ ހަފުތާއަކު ވެސް ފަލަސްތީނުގެ މީހުން މަރަމުން ދިޔަ. އެގޮތުން މަހަކު މަދުވެގެން 250 ފަހަރު ރޭގަނޑު ގެތައް ބަލައި ފާސްކުރި."

"އެމީހުން ރޭގަނޑު ގެތަކަށް ވަދެ އެމީހުން ނިދިން މަހުރޫމް ކޮށްލާ. ކުޑަކުދިންނަށް ބިރު ދައްކާ. އަސްކަރިއްޔާއިން ހިމާޔަތްކޮށްފައިވާ ވަޒަންވެރިން ދަނީ ޒައިތޫނި ގަސްތަކާއި ކާރުތައް އަންދައި، އަވަށްތަކުގައި ބިރުވެރިކަން އުފައްދަމުން. މިއީ ކޮންމެ ހަފުތާއަކު ވެސް ހިނގަމުން އަންނަ ކަމެއް."

"އެ ވާހަކަތައް ހަބަރުތަކުގެ ހެޑްލައިނަކަށް ނާރާ. ހެޑްލައިން އަށް އަރަނީ އިޒްރޭލުގެ މީހަކު މަރުވީމާ. އެއީ މައްސަލައެއް."

"މީހުން ދެކޭ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހަކީ ފެށުން. އެކަމަކު ހަގީގަތުގައި މާ ކުދިން ވަނީ މިކަންތައް ފެށިފައި. މީގެ އެތައް ޒަމާނެއް ކުރިން."

"ކުރިއަށް އޮތް ތަނުގައި ޔަހޫދީ، އިޒްރޭލު އަދި ފަލަސްތީނުގެ އެއްވެސް މީހަކު ޝަހީދުވާކަށް އަހަރެން ބޭނުމެއް ނޫން. އެހެންނަމަވެސް، އެކަމަށްޓަކައި، އެ ހަމަނުޖެހުންތަކުގެ އަސްލަކީ ކޮބައިތޯ ބަލަންއެބަޖެހޭ".

"އަސްލަކީ ފަލަސްތީނުގެ އިސްތިއުމާރީ ނިޒާމު. އަނިޔާވެރި ހަމަނުޖެހުންތަކާއި، ނަސްލީ ތަފާތުކުރުމުގެ ނިޒާމާއި، ފަލަސްތީނުގެ އިންސާނިއްޔަތާ ހިލާފު އަމަލުތައް ހުއްޓުވަން ޖެހޭ. އަދި އެކަން ނިމުމަކަށް ގެނެވޭނީ، ޑިކޮލޮނައިޒްކޮށްގެން. މިއަދު އަހަރެމެންނަށް ކުރިމަތިވެފައިވާ ބޭއިންސާފުތައް ނިމުމަކަށް ގެނެސްގެން."