ޑޫމްސްޑޭ ނުވަތަ އިންސާނީ ނަސްލު ނެތި ދުނިޔެ ނިމިދާނެ ވަގުތު ކަމަށް ކަނޑައަޅަމުން އަންނަ ގަޑި 1 މިނެޓަށް ކުޑަކޮށްފިއެވެ.

އެމެރިކާގެ ޝިކާގޯގައި ހުންނަ ނޮން ޕްރޮފިތް އޯގަނައިޒޭޝަނަކުން ކޮންޓްރޯލް ކުރާ އެ ގަޑި 1 މިނެޓަށް ކުޑަ ކުރީ ޔޫކްރައިން އާއި ރަޝިއާ އާ ދެމެދު ހިނގަމުން ދާ ހަނގުރާމައިގައި ދެންމެ ދެންމެ ރަޝިއާއިން ނިއުކްލިއާ ބޭނުން ކޮށްފާނެތީ އާއި އިޒްރޭލުން ފަަލަސްތީންގެ ގާޒާ ތަޅާ ސުންނާފަތި ކުރުމަށް ހިންގާ އުދުވާނުގެ ނުރައްކާ ބޮޑުކަމުންނާއި ދުނިޔެ ހޫނުވަމުން ދާ މިންވަރު މަތިވަމުން ދާތީއެވެ.

އެ ޖަމާއަތުން ބުނަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ގެއްލުން ދެނިވި އަދި ބިރުވެރިކަން ބޮޑު އެތައްކަމެއް ދުނިޔޭގެ އެތަން މިތާނގައި އެއްފަހަރާ ހިނގަމުން ދިޔުމަކީ އެ ގަޑި ]ދުނިޔެ ނިމޭ ގަޑި] ޖެހެ ކަމުގެ އަލާމާތެއް ކަމަށެވެ.

އެޓޮމިކް ސައިންޓިސްޓުންގެ ދިރާސާތަކާއި ހޯދުންތަކުގެ އަލީގައި ބަދަލު ގެންނަ މި ގަޑި، ކުޑަކޮށް ބޯޑު ކުރަނީ ނުރައްކަލުގެ މިންވަރު ވަޒަންކުރުމަށް ފަހުއެވެ.

އާންމުކޮށް އަހަރަކު 1 ފަހަަރު ރިވިއުކޮށް މިންކުރާ ނުރައްކާތަކާ އެކު މިގަޑިއަށް ބަދަލު ގެންނަ އިރު ސައިންޓިސްޓުން ބުނަނީ މިވަގުތު ދުނިޔެ ތަޖުރިބާ ކުރަމުން ދާ ނުރައްކާތަކަކީ މީގެ ކުރިން ދެކެފައި ނުވާ ވަރުގެ ނުރައްކާތަކެއް ކަމަށާއި އެހެން ކަމުން ދުނިޔެ ނިމި އިންސާނީ ނަސްލު ނެތިދާން ނަގާނެ ވަގުތަކީ 1 މިނެޓުގެ ވަގުތެއް ކަމަށެވެ. އެ 1 މިނެޓު މާނަ ކޮށްދެނީ، ނިއުކްލިއާ ހަމަލާއެއް ދީފި ނަމަ ނުވަތަ އެފަދަ ހަމަލާއެއްގެ ސަބަބުން އުފެދިގެން ދާނެ ފަނާކުރުވަނިވި ފެށުމަކަށެވެ. އެގޮތުން ރަޝިއާއިން ނިއުކްލިއާ ހަމަލާއެއް ދީފި ނަމަ ދުނިޔޭގެ ބާރުތަކުން އެކަމަށް ރައްދު ދޭނެ ގޮތާއި އެކަމުގެ ނަތީޖާ އަކަށް ވާނީ ބާރުތަކުގެ ދެމެދުގައި ނިއުކްލިއާ ހަނގުރާމައެއް ފެށި އެކަމުގެ ޝިކާއަކަށް އިންސާނުން ވެގެން ދިޔުމެވެ.

އިންސާނުން މިއަދު ތިބީ އެފަދަ ނުރައްކަލަކަށް ހުށަހެޅިފައި ކަމަށާއި އެ ނުރައްކަލުން އިންސާނި ނަސްލު ސަލާމަތް ކުރުމުގެ ބާރު މިވަގުތު އޮތީ އެމެރިކާ، ޗައިނާ އަދި ރަޝިއާ އަށް ކަމަށް ވެސް ބުނެފައި ވެއެވެ.

1947 ގައި އުފަން ކުރި ޑޫމްސްޑޭ ކްލޮކް އަކީ އެގެ މައްޗަށް ގިނަ ބަޔަކު ބަރޯސާވާ އަދި އެންމެ އިތުބާރު އެއް ގަޑިއެވެ. އެ ގަޑި އުފަން ކުރި އިލްމުވެރިކަމަށް ވާ އަލްބާޓް އެއިންސްޓެއިން އާއި ޖޭ ރޮބާޓް އޮފަންހެއިމާ އާއި އިުގީން ރެބޮނިޗް އޭރު ކަނޑައެޅި ގަޑިއަކީ 7 މިނެޓެކެވެ. ނަމަވެސް 1949 ގައި އޭރުގެ ސޯވިއެޓް ޔޫނިއަނުން އެޓޮމިކް ބޮމެއް ޓެސްޓް ކުރުމާއެކު އެ ގަޑި 3 މިނެޓަށް އަވަސް ކުރިއެވެ. އޭގެ ފަހުން 1991 ގައި އެގަޑި 17 މިނެޓަށް ފަސްކުރިއެވެ. އެކަން ހިނގީ ނުރައްކާތެރި ހަތިޔާރު އުފެއްދުން މަދުކުރާ ޓްރީޓީ (ސްޓާޓް) ގައި އޭރު އެމެރިކާގެ ރައީސް ޖޯޖް އެޗްޑަބްލިއު ބުޝް އާއި އޭރުގެ ސޯވިއެޓްގެ ރައީސް މިހައިލް ގަރްބަޗޯވް ސޮއިކުރެއްވުމާއެކުގައެވެ.