އޮކްޓޯބަރު 7، 2023 ގެ ހަމަލާއަށް ފަހު އިޒްރޭލުން ފަލަސްތީން މީހުން މަސައްކަތުން ބޭރުކޮށްލުމާއެކު އެ ވަޒީފާތައް ހޯދަން އިންޑިއާ މީހުން ކިއު ހަދަން ފަށައިފިއެވެ.
އިންޑިއާ އަކީވެސް ވަޒީފާ ނެތް އެތައް މިލިއަން މީހުން އުޅޭ ގައުމަކަށް ވާއިރު އިޒްރޭލް ހަނގުރާމައިގެ ކުރީކޮޅުގައި ވެސް، އިޒްރޭލަށް ދާން ބޭނުން ވެގެން އިންޑިއާގެ އެތައް ބަޔަކު އިންޑިއާގައި ހުންނަ އިޒްރޭލު އެމްބަސީ ދޮށަށް އެއްވިއެވެ.
މިހާރު އިންޑިއާގައި ކުރިއަށް ދާ ހަރަކާތަކީ، އިޒްރޭލުގައި ހުސްވެފައި ވާ ވަޒީފާތަކަށް ދާން ޓެސްޓް ހެދުމުގެ ހަރަކާތެކެވެ.
ދިއްލީއާ 84 ކިލޯމީޓަރު ދުރުގައި އޮންނަ ހަރްޔާނާގެ ރޮހްތަކުގައި ހުންނަ މަހާރްޝީ ދާޔާނަންދް ޔުނިވާސިޓީ (އެމްޑީޔޫ)ގައި ވަނީ އިޒްރޭލަށް ވަޒީފާއަށް ދާން ބޭނުންވާ ފަރާތްތަކަށް އިމްތިހާނު ދޭން ފަށާފައެވެ. އެގޮތުން އިޒްރޭލުގައި އިމާރާތް ކުރުމުގެ ދާއިރާގެ ވަޒީފަތަކަށް ހުޅުވާލުމުން އެތައް 100 ބަޔަކު ވަނީ ކާކުކަން އަންގައިދޭ ލިޔެކިޔުންތައް ހިފައިގެން އިމްތިހާނަށް ކިއު ހަދާފައެވެ.
އިޒްރޭލުން މިވަގުތަށް ހޯދަމުން ދާ މަސައްކަތްތެރިންގެ ތެރޭގައި ކާޕެންޓަރުން (ވަޑާން ކުރާ މީހުން) އާއި މޭސަނުން (ރާނާ މީހުން) ހިމެނޭހެން އެކިއެކި ދާއިރާތަކުން 100،000 މީހުން ދަނީ ހޯދަމުންނެވެ. އިޒްރޭލުގެ ކޮންސްޓްރަކުޝަން ދާއިރާގެ ކުންފުނިތަކުން ބޭނުން ވަނީ، ފަލަސްތީންގެ ރައްޔިތުންގެ ބައްދަލުގައި އެ މަގާމުތަކަށް އިންޑިއާ މީހުންނަށް ފުރުސަތު ދޭށެވެ.
ހަރްޔާނާ ސަރުކާރުން ވަޒީފާއަށް ހުޅުވާލައި ބުނެފައި ވަނީ އިޒްރޭލުގައި ވަޒީފަ އަދާކުރަން 10،000 ފުރުސަތު ލިބިފައި ވާ ކަމަށާއި ޝައުގުވެރިވާ މީހުން ވޯކް އިން އިންޓަވިއު (ލިޔެކިޔުންތައް ހިފައިގެން ގޮސް ވަގުތުން އިންޓަވިއުގައި ބައިވެރިވުން) ގައި ބައިވެރިވާން ވީ ކަމަށެވެ. އެގޮތުން 3000 ކާޕެންޓަރުންނާއި ދަގަނޑުގެ މަސައްކަތް ކުރާ 2000 މީހުންނާއި މުށި ޖެހުމުގެ މަސައްކަތް ކުރާ 2000 މީހުން މިވަގުތަށް ނަގާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އިޝްތިހާރުގައި އިތުރަށް ބުނެފައި ވަނީ، އެމީހުންގެ މަހު މުސާރައަކީ 6100 ޝެކެލް (1625 އެމެރިކާ ޑޮލަރު) ކަމަށެވެ.
ހަރްޔާނާ ފަދައިން އިންޑިއާގައި އެންމެ ބައިބޯ ސްޓޭޓް ކަމަށް ވާ އުއްތަރް ޕްރަދޭޝްގައި ވެސް ވަނީ 10،000 ވަޒީފާއަށް އިއުލާން ކޮށްފައެވެ.
އޮފިޝަލުން ބުނާގޮތުން އިންޓަވިއުއަށް ހުޅުވާލުމާއެކު ދުވާލެއްގެ މައްޗަށް 500-600 އާ ދެމެދުގެ މީހުން ކިއު ހަދައެވެ. ކިއުގައި ތިބި ބައެއް މީހުން މީޑިއާ ތަކަށް ބުނެފައި ވަނީ އެއީ އުމުރުން 1 ފަހަރު ލިބޭނެ ފަދަ ރަނުގެ ފުރުސަތެއް ކަމަށާއި މުސާރަ ރަނގަޅުވުމާއެކު ވަޒީފައަށް ކެތް މަދުވެފައި ތިބި ކަމަށެވެ. އެމީހުން ބުނީ، އިންޑިއާގައި ވަޒީފާ އަދާކޮށްގެން ދުވާލެއްގެ މައްޗަށް ޖެހެނީ އެވްރެޖް ކޮށް 3 ޑޮލަރު ކަމަށާއި އެއިން ޒާރޫރީ ބޭނުންތައް ވެސް ނުފުއްދޭ ކަމަށެވެ.
ހަމާސްގެ ހަމަލާ އާ ގުޅިގެން އިޒްރޭލުން ފެށި އުދުވާނުގައި ފަލަސްތީނުން މިހާތަނަށް 25،000 މީހުން ޝަހީދު ކޮށްލާފައި ވާއިރު، ހަނގުރާމައިގެ ކުރިން އިޒްރޭލުގައި މަސައްކަތުގައި އުޅުނު ފަލަސްތީނުގެ 3000 މީހަކު ވަނީ ވިސާ ކެންސަލް ކޮށް އަނބުރާ ފޮނުވާލާފައެވެ. އެމީހުން އެނބުރި ވަޒަނަށް ދިޔުމުން ބޮމާއި މިސައިލް ހަމަލާ ދީ އެމީހުންގެ ވަޒަން އެކީ އެކަށް ފުނޑުފުނޑު ކޮށްލަމުން ދާ އިރު ޝަހީދުވި މީހުންގެ ތެރޭގައިވެސް އިޒްރޭލު ދޫކޮށް ދިޔަ މީހުން ހިމެނެއެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު މިހާރު 60،000 އާ ގާތްކޮށްފައި ވާ އިރު އިޒްރޭލުން މިހާރު އަމާޒު ހިފާފައި ވަނީ 2.3 މިލިއަން މީހުން ދިރިއުޅެ ގާޒާ އެކިއެކަށް ފުނޑުފުނޑު ކޮށްލައި އެތާނގެ ރައްޔިތުން ބަނޑަށް ޖައްސާ ނެތިކޮށްލުމަށެވެ.