ކެންސަރު ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް އޭޕްރީލް 15، 2022 ވަނަ އަހަރުގެ ތެރޭގައި ނިޔާވި އަހުމަދު އަލީމްގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރުމަށް އޭނާގެ އަނބިމީހާ ނަބީލާ ޝިހާބު ސޮއިކޮށްފިއެވެ.

އަމިއްލަ ހަރަދުގައި މިސްކިތްތައް ބިނާކުރަން ބޭނުންވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީއިން ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގައި ދެ މިސްކިތަކާއި މާލޭގެ ޒިކުރާ މިސްކިތް ތިން ބުރިއަށް ހެދުމަށް ވަނީ ހަވާލުކޮށްފައެވެ.

ހުޅުމާލޭގައި އެއް މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ އަލީމް ފައުންޑޭޝަނާއެވެ.

ނަބީލާ ބުނާ ގޮތުގައި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އަލީމްއަކީ މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑަށް ގަވާއިދުން ކޮންމެ މަހަކު ފައިސާ ޖަމާކުރާ މީހެކެވެ. އެހެންކަމުން އަލީމް ނެތް ދުނިޔެއެއްގައި އޭނާގެ ނަމުގައި މިސްކިތެއް ބިނާކުރުމަށް އާއިލާއިން މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ފަންޑްރައިސިން ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

އަލީމް ނިޔާވުމަށްފަހު އެ އަހަރުގެ ތެރޭގައި "އަލީމް ފައުންޑޭޝަންގެ" ނަމުގައި ފައުންޑޭޝަނެއް އުފައްދާ ނަބީލާ ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެ ފައުންޑޭޝަނުން ފުރަތަމަ މަސައްކަތްކުރީ އަލީމް އަދި އާއިލާއިން ދިރިއުޅެމުންދިޔަ އޮސްޓްރޭލިއާގައި މިސްކިތް އެޅުމަށެވެ. އެހެންނަމަވެސް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ބޮޑު އެއްބާލުމެއް ލިބުމުން އެ ފައުންޑޭޝަނުން ނިންމީ ފުރަތަމަ މިސްކިތް ރާއްޖޭގައި އެޅުމަށެވެ.

ފުލުހުންގެ ހިދުމަތުގައި 17 އަހަރު އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑަކަށް މަސައްކަތްކުރުމަށް ފަހު އަލީމް ނިޔާވީ އޮސްޓްރޭލިއާއަށް ބަދަލުވިތާ 13 އަހަރު ފަހުން އުމުރުން 45 އަހަރުގައެވެ.