އަމިއްލަ ހަރަދުގައި އެސްޖޭއިން ޒިކުރާ މިސްކިތް 3 ބުރިއަށް ހަދަން ހަވާލު ވެ، އިތުރު ދެފަރާތަކުން ހުޅުމާލޭގައި ދެ މިސްކިތް ހިލޭ އަޅަން ހަވާލު ވެއްޖެއެވެ.

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ޒިކުރާ މިސްކިތް މިހާރު ވެސް ހުރި ބިމުގައި ތިން ބުރީގެ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އެސްޖޭގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ. އޭގެ އިތުރުން އަމިއްލަ ހަރަދުގައި ހުޅުމާލޭގައި އިތުރު ދެ މިސްކިތެއް އެޅުމުގެ އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަލީމް ފައުންޑޭޝަން އަދި ލީސާ މޯލްޑިވްސްއާއެކުގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަަރު ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި އަމިއްލަ ހަރަދުގައި މިސްކިތް ބިނާކުރުމަކީ ވަރަށް މާތް އަދި މަތިވެރިކަމެއް ކަމަށެވެ. އަދި ދުނިޔޭގައި ދޫކުރެވޭ އެންމެ ހެޔޮ އެއް ކަމަކީ ވަގްފް ކުރެވޭ ކަންކަން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީމާތްﷲ ގެ މަގުގައި ކުރެވޭ ކަންތައްތަކަކީ މީހަކަށް ސަވާބާއި ދަރުމަ އެދިގެން ކުރެވޭ ކަންތައްތައް ކަމަށާއި އެކަންތައްތަކުގެ ތެރެއިން އެންމެ މާތް ކަމަކީ މިސްކިތް ބިނާކުރުން ކަމަށެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތަނަވަސްކަމުގެ އަހުލުވެރިންނާއި ރާއްޖޭގެ އެކި އެކި ވިޔަފާރިވެރިން ބައިވެރިންވެގެންވެސް ރާއްޖޭގައި މިސްކިތްތައް އަޅާފައި އެބަހުރި ކަމށާއި މާލެ ސަރަހައްދުގައި ހުރި އެންމެ ބޮޑެތި ރީތި މިސްކިތަތްކަކީ އަމިއްލަ ފަރާތްތަކުން އަމިއްލަ ހަރަދުގައި އަޅާފައިވާ މިސްކިތްތައް ކަމަށެވެ.

މާލޭގައި ފުރުގާން މިސްކިތް ފިޔަވާ ބޮޑެތި މިސްކިތްތައް އަޅާފައި ހުރީ އާއިލާތަކުން، ވިޔަފާރިވެރިން ނުވަތަ އަމިއްލަ ފަރުދުން ކަމަށާއިއެއީ ރައްޔިތުންގެ ހިތުގައި އިސްލާމްދީނަށް އޮތް ލޯތްބާއި މަތިވެރި އިހުތިރާމް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މިއަދުވެސް ފެނިގެން މިދިޔަ އެ ފަދަ މަންޒަރެއް ކަމަށާއި ސަރުކާރުގެ ފަރާތުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މިސްކިތްތައް ބިނާކުރަމުން ދާ ނަމަވެސް ބޮޑެތި އާބާދީތަކަށް އަބަދުވެސް މިސްކިތްތައް ހަދިޔާ ކުރަމުންދަނީ އަމިއްލަ ފަރުދުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެކަމުގައި އިސްލާމީ މިނިސްޓްރީއިން ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ މިއަދު އެ އެއްބަސްވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ދެ މިސްކިތެއް އެޅިގެންދާނެ ކަމަށާޢި މާލެ ސިޓީގެ ޒިކުރާ މިސްކިތް 3 ބުރިއަށް ނެގިގެންދާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ހަދާ ދެ މިސްކިތަކީ 2000 ނުވަތަ 3000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތްތައް ކަމަށާއި އެ މިސްކިތްތައް ހެދިގެންދާނީ އެކި މަރުހަލާތަކަށް ބެހިގެން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޒިކުރާ މިސްކިތަކީ މާލޭގެ ވަރަށް މުހިއްމު މިސްކިތެއް ކަމަށާއި އެ މިސްކިތް ހުރިތަނަކީ މާލޭގެ ވަރަށް ބޮޑު އާބާދީއެއް ވަށައިގެން އޮތް ތަނެއް ކަމަށެވެ. އަދި ޒިކުރާ މިސްކިތް 3 ބުރިއަށް ހެދިގެން ދާކަމީ އެ ސަރަހައްދުގެ މީހުންނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ޝަހީމް ވިދާޅުވީ އެ މަޝްރޫއު 2 އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ، އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅަމުންދާ މިސްކިތްތައް ނިމޭއިރު ހުޅުމާލެ 2 ވަނަ ފިޔަވަހީގައި މިހާރު މުނިހޯމް ކެއާއިން އަޅަމުންދާ 1500 މީހުންގެ ޖާގައިގެ މިސްކިތް މި ރޯދަ މަހަށް ހުޅުވިގެންދާނެ ކަމަށެވެ.

މިއަދު ހަވާލުކުރި މިސްކިތައް ނިމުމުން މަރާމާތުގެ ކަންކަން ބެލެހެއްޓުމަށްވެސް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.