އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި މެދުހެންވޭރު ދާއިރާގެ ކައުންސިލަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އަހްމަދު ރިޝްވާން ރަޝީދު، ވެރިކަންކުރާ ޕީއެންސީ އަށް މިއަދު ސޮއިކުރައްވައިފިއެވެ.

ރިޝްވާން ޕީއެންސީ އަށް ސޮއިކުރައްވައި، އެ ޕާޓީ އަށް ވަނުމަށް އެދޭ ފޯމު ހަވާލުކުރެއްވީ ރައީސް އަދި ޕީއެންސީގެ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ.

މާލެ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބުކުރުމަށްޓަކައި ބޭއްވި ބައި-އިލެކްޝަންގައި މެދުހެންވޭރު ދާއިރާގެ ކައުންސިލަރުކަމަށް ރިޝްވާން އިންތިހާބުވެވަޑައިގަތީ ވޯޓުލީ 1،119 މީހުންގެ ތެރެއިން 320 މީހުންގެ ވޯޓާ އެކުގައެވެ. ރިޝްވާނާ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ޝައުފާ ސަލީމަށް ލިބިވަޑައިގަތީ 305 ވޯޓެވެ.

މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަނުގައި ކައުންސިލަރުން އިންތިހާބުވި ގޮތަށް ބަލާލާއިރު:

  • މާލޭގެ މޭޔަރު: އާދަމް އާޒިމް (އެމްޑީޕީ)
  • މެދުހެންވޭރު: އަހްމަދު ރިޝްވާން ރަޝީދު (އެމްޑީޕީ - މިހާރު ޕީއެންސީ)
  • ހެންވޭރު ދެކުނު: އާމިނަތު ރިޝްފާ އަހްމަދު (ޕީއެންސީ)
  • މާފަންނު ދެކުނު: ހަސަން ނިޒާމް (ޕީއެންސީ)

އާ ކައުންސިލަރުންނާއި މޭޔަރު މިރޭ ދަރުބާރުގޭގައި ހުވާކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.