އިޒްރޭލާއި އެ ޖަމާއަތުގެ ހުޅަނގުގެ ބައިވެރިން ވަނީ ގާޒާގެ ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތާއި ސިޔާސީ ހަރަކާތެއް ކަމަށްވާ ހަމާސް އަކީ ގާނޫނާ ހިލާފު ޖަމާއަތެއް ކަމަށް ބުނެ، އެ ޖަމާއަތާ ގުޅެން ދެކޮޅު ހަދައި، އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އިޒްރޭލުގެ އޮފިޝަލުން ބުނާ ގޮތުގައި މި ވާހަކަ އިތުރަށް ހާމަވެގެން ގޮސްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލުގެ ސަރަހައްދަށް ވަށާލާފައިވާ ގާޒާގެ ބޭރުގައި ދިން ހަމަލާއެއްގައި 1،140 އެއްހާ މީހުން މަރާލުމުންނެވެ.
އިޒްރޭލުން ގާޒާއަށް އަނިޔާވެރި އަސްކަރީ ކެމްޕޭނެއް ފަށާފައި މިވަނީ ހަމާސް އާއި އައިއެސްއައިއެލް (އައިއެސް) އާއި ނާޒީންނާ އެއްވަރުކޮށްފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ފަލަސްތީނުގެ ޖަމާއަތް ނައްތާލާނެ ކަމަށް ވައުދުވެވަޑައިގެންފައި ވަނިކޮށެވެ.
ގާޒާގެ 25،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 2.3 މިލިއަން އާބާދީގެ 90 ޕަސެންޓް މީހުން ވަނީ މި ޒަމާނުގެ ތާރީހުގައި ދިން އެންމެ ހަރުކަށި އަސްކަރީ ހަމަލާގައި ގެދޮރު ގެއްލިފައެވެ. ސައުތު އެފްރިކާއިން ވަނީ އިޒްރޭލު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސް، ޖަރީމާހިންގުމުގެ ކުށުގެ ދައުވާ އިޒްރޭލުގެ އުފުލާފައެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ވަނީ ހަމާސް އަކީ ދެމިއޮތުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެ ޖަމާއަތް ހަލާކުކޮށްލަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
2017 ވަނަ އަހަރު ހަމާސް އިން ވަނީ އިޒްރޭލުގެ ސައްހަކަން ގަބޫލުކޮށް ދެ ދައުލަތުގެ ހައްލެއް ގެނައުމަށް 1988 ވަނަ އަހަރުގެ އަސްލު ޗާޓަރު ބަދަލުކޮށްފައެވެ. ނަމަވެސް އިޒްރޭލުން ބުނަމުން ދަނީ ހަމާސް ދެމިއޮތުމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ. ނަތަންޔާހޫ އިސްވެ ހުރެ، އިޒްރޭލުގެ ސިޔާސީ ފަރާތްތަކުން ވަނީ ދެ ދައުލަތުގެ ހައްލެއް ގެނައުމުގެ ވިސްނުމާ ދެކޮޅު ހަދާފައެވެ.
އިޒްރޭލު ސިފައިން އަނބުރާ ގެންދިއުމާއި، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ދޫކޮށްލުމާއި ގާޒާގެ މައްޗަށް ހަމާސްގެ ވެރިކަން ބަލައިގަތުމުގެ ބަދަލުގައި، ހަނގުރާމަ ނިމުމަކަށް ގެނެސް، އެ ޖަމާއަތުން ބަންދުކޮށްފައިވާ 100 އަށް ވުރެ ގިނަ ގައިދީން ދޫކޮށްލުމަށް ހަމާސް އިން ހުށަހެޅި ހުށަހެޅުން ނަތަންޔާހޫ ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭރުކޮށްލާފައެވެ.
ފަލަސްތީނުގެ އެންމެ މަގުބޫލު އެއް ހަނގުރާމަވެރި ޖަމާއަތް ކަމުގައިވާ ހަމާސްގެ ތާރީހަށް ބަލާއިރު، އެ ޖަމާއަތުގެ ސިޔާސީ ލީޑަރުން ވަނީ އިޒްރޭލަށް ދިގު މުއްދަތުގެ ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައެވެ. އޭގެ ބަދަލުގައި އެމީހުން އެދެނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށެވެ.
އިސްރާއީލުން އެ ހުށަހެޅުންތަކާ ދެކޮލު ހަދައި، ހަމާސް އަށް ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް އިތުބާރު ނުކުރެވޭނެ ކަމަށް ބުނެ، ހަނގުރާމަ ކުރު މުއްދަތަކަށް މެދުކަނޑާލަން ހުށަހެޅި ހުށަހެޅުންތަކަކީ އިހުލާސްތެރި އަދި ސްޓްރެޓެޖިކް ގޮތުން ހަމައެކަނި ހަތިޔާރު އެޅި ހަރަކާތަށް ލިބޭ ގެއްލުމުން އަލުން ޖަމާވުމަށް އެހީތެރިވުމުގެ ގޮތުން ހުށަހަޅާފައިވާ ހުށަހެޅުންތަކެއް ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.
އާދީއްތަ ދުވަހަކީ އިޒްރޭލުން އެ ހުށަހެޅުންތަކަށް އިންކާރުކުރި އެންމެ ފަހުގެ މިސާލެވެ.
ހަމާސްގެ ހަނގުރާމައިގެ ހުށަހެޅުންތަކުގެ ޓައިމްލައިނެއް:
1988: ހަމާސް އުފެދުނުތާ އެންމެ އަހަރެއްހާ ދުވަސް ފަހުން ހަމާސްގެ ލީޑަރު މަހްމޫދު އަލް ޒަހަރު ވަނީ އިޒްރޭލުގެ ކުރީގެ އޮފިޝަލުން ކަމަށްވާ ޔިޓްޒަކް ރާބިން އާއި ޝިމޮން ޕެރޭޒްއާ ބައްދަލުކުރައްވާފައެވެ. އޭރު އޭނާ ހުށަހެޅުއްވީ ހަނގުރާމައިގެ ބަދަލުގައި 1967 ވަނަ އަހަރު ހިފާފައިވާ ސަރަހައްދުތަކުން އިޒްރޭލު ވަކިވުމަށެވެ. އެއީ ހަމާސް އިން ހަތިޔާރު އެޅި ގޮފި ކަމަށްވާ ކަސާމް ބްރިގޭޑްސް އުފެއްދުމުގެ ކުރިންނެވެ. މީގެ އިތުރުން 1988 ވަނަ އަހަރު ހަމާސް ޖަމާއަތުގެ ބާނީ ޝެއިހް އަހްމަދު ޔާސީން އިޒްރޭލާއެކު މަޝްވަރާކުރަން ޝައުގުވެރިކަން ފާޅުކުރެއްވީ ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިހްތިޔާރުގެ ހައްގާއި އެމީހުންގެ ބިމަށް އެނބުރި އައުމުގެ ހައްގު އިޒްރޭލުން ގަބޫލުކުރާ ޝަރުތުގެ ދަށުންނެވެ.
1994: އިޒްރޭލު ސިފައިންގެ ނަޗްޝޮން ވަޗްސްމަން ރަހީނުކޮށް މަރާލުމާ ގުޅިގެން ހަމާސް އިން އިޒްރޭލަށް ހަނގުރާމައިގެ އެއްބަސްވުމެއް ހުށަހެޅިއެވެ. އޭގެ އަހަރެއްހާ ދުވަސް ކުރިން ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން ވަނީ ހުޅަނގު އައްސޭރި އާއި ގާޒާ އަދި އިރުމަތީ ގުދުސް ހިމެނޭ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ހުށަހެޅި ހުށަހެޅުން ބަލައިގެންފައެވެ. ހަމާސް އިން ވަނީ އެ ހުށަހެޅުމަށް އެއްބަސްވެފައެވެ.
1995: ހަމާސް އިން އަނެއްކާވެސް 10 އަހަރުގެ މުއްދަތަށް ހަނގުރާ މެދުކަނޑާލުމަށް ހުށަހެޅީ ފަލަސްތީނުގައި އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުން ފޭބުމުގެ ޝަރުތުގެ މައްޗަށް ބިނާކޮށެވެ.
1996: އެ އަހަރުގެ ޖެނުއަރީ މަހު އިޒްރޭލުން ހަމާސްގެ އަސްކަރީ ލީޑަރު ޔަހްޔާ އައްޔަޝް ޝަހީދުކޮށްލުމާ ގުޅިގެން އެ އަހަރުގެ މާޗް މަހު ހަމާސް އިން ވަނީ ހަނގުރާމަ ހުއްޓާލަން ހުށަހަޅާފައެވެ.
1997: ސެޕްޓެމްބަރު: އުރުދުންގެ ވެރިރަށް އައްމާންގައި ހަމާސްގެ ސިޔާސީ ލީޑަރު ހާލިދު މެޝާލް ޝަހީދުކޮށްލަން އިޒްރޭލުން މަސައްކަތް ކުރުމުގެ ދުވަސްކޮޅެއް ކުރިން ހަމާސް އިން ވަނީ 10 އަހަރުގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލުމަށް އިޒްރޭލަށް ހުށަހަޅާފައެވެ. އޮކްޓޯބަރު: އިސްރާއީލުގެ ޖަލުން މިނިވަންވުމަށް ފަހު ހަމާސްގެ ބާނީ ޔާސީން ވަނީ ހަނގުރާމަ ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. ނޮވެމްބަރު: ހަމާސް އިން އަނެއްކާވެސް ވަނީ ހަމަނުޖެހުން ހިންގުން މެދުކަނޑާލުމަށް ހުށަހަޅާފައެވެ. ކަސާމް ބްރިގޭޑުން ބުނީ އިސްރާއީލުން ފަލަސްތީނުގެ އާންމުންނަށް އަމާޒުކުރުން ހުއްޓާލައިފިނަމަ އިޒްރޭލުގެ އާންމުންނަށް ދޭ ހަމަލާތައް ހުއްޓާލާނެ ކަމަށެވެ.
1999: ޝެއިހް އަހްމަދު ޔާސީން އަނެއްކާވެސް ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅުއްވީ 1967 ވަނަ އަހަރު އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުން އިސްރާއީލު ވަކިވުމަށެވެ. ހަމާސް އިން ޔޫރަޕްގެ ޑިޕްލޮމެޓުންނަށް ފޮނުވި ސިޓީގައި ވަނީ އިސްރާއީލުން ހިފާފައިވާ ސަރަހައްދު ދޫކޮށް ހަނގުރާމަ ހުއްޓާލާނަމަ، ހަމާސް އިން ހައްޔަރުކޮށްފައި ތިބި އިޒްރޭލު މީހުން ދޫކޮށްލާނެ ކަމަށެވެ. އޭގެ ބަދަލުގައި ފަލަސްތީނުގެ ހައްޔަރީން ދޫކޮށްލުމަށާއި ހިނގަމުންދާ ހުރިހާ ހަމަނުޖެހުންތައް ހުއްޓާލުމަށް ވަނީ ހުށަހަޅާފައެވެ.
2003: ޑިސެމްބަރު މަހު ޔާސީން ވަނީ ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ފޭބުމަށް ޝަރުތުކޮށް ހަނގުރާމަ ހުއްޓާލަން ހުށަހަޅާފައެވެ. އޭގެ ހަތަރު މަސް ފަހުން އިޒްރޭލުން ދިން ހަމަލާއެއްގައި އޭނާ ވަނީ ޝަހީދުވެފައެވެ.
2004: ޔާސީންގެ ފަހުން ވަޑައިގެންނެވި އަދި ހަމާސްގެ ކޯ ފައުންޑަރު އަބްދުލް އަޒީޒް އަލް ރަންތިސީ އަނެއްކާވެސް ހުށަހެޅީ 10 އަހަރުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށެވެ. އިޒްރޭލުން އޭނާ ޝަހީދުކޮށްދލީ ޔާސީން ޝަހީދުކޮށްލިތާ މަހެއްހާ ދުވަސް ފަހުންނެވެ.
2006: ހަމާސް އިން އަނެއްކާވެސް 10 އަހަރުގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލުމަށް ހުށަހެޅީ، ޕީއެލްއޯއިން ގަބޫލުކުރާ އެންމެ ފަހުގެ ހައްލެއްގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންގެ ފުރިހަމަ އަދި ގާނޫނީ ހައްގުތައް އިއާދަކުރުމަށް އިޒްރޭލުން ވައުދުވެއްޖެ ނަމަ އޮޓަމެޓިކުން އާކުރާނެ ކަމަށް ޝަރުތުކޮށެވެ.
2007: ހަމާސްގެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ ވަނީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އެ ޖަމާއަތުން ގޮވާލި ގޮވާލުން ތަކުރާރުކުރައްވާފައެވެ.
2008: ހަމާސްގެ ލީޑަރު މެޝާލް އަނެއްކާވެސް 10 އަހަރުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅުއްވި އިރު، އޭގެ އެއް އަހަރު ފަހުން އޭނާ އެކަން ތަކުރާރު ކުރެއްވިއެވެ.
2014: ހަމާސް އާއި ފަލަސްތީނު އިސްލާމިކް ޖިހާދުން ވަނީ އިޒްރޭލުގެ ބްލޮކްޑައުން އުވާލައި ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމުގެ ބަދަލުގައި 10 އަހަރުގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލުމަށް ހުށަހަޅާފައެވެ.
2015: ހަމާސް އިން ވަނީ ބްލޮކްޑައުން އުވާލުމުގެ ބަދަލުގައި ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓާލަން ހުށަހަޅާފައެވެ.
2017: ހަމާސް އިން ވަނީ 1967 ވަނަ އަހަރުގެ ބޯޑަރުގައި ފަލަސްތީނުގެ ދައުލަތެއް ބަލައިގަތްކަން ހާމަކޮށް، އެ ޖަމާއަތުގެ ރިވައިޒްޑް ޗާޓަރު ހުށަހަޅާފައެވެ.
ހަމާސް އިން 1988 ވަނަ އަހަރު ނެރުނު ޗާޓަރު ވަނީ މުރާޖައާކޮށްފައި
ހަމާސް ޖަމާއަތަކީ 1948 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނުގެ ބާކީ ހުރި ބިންތައް ހިފުމަށް ފަހު 1967 ވަނަ އަހަރު އަސްކަރިއްޔާއިން ފަލަސްތީނުގެ ބާކީ އޮތް ބިންތައް އަތުލިތާ ދެ އަހަރު ފަހުން 1987 ވަނަ އަހަރު އުފެދުނު ޖަމާއަތެކެވެ. ފަލަސްތީނުގެ ބައެއް ބިންތައް 1948 ވަނަ އަހަރު ހަމާސް އަށް ހިފިފައެއް ނުވެއެވެ. ފަލަސްތީނުގެ ރައްޔިތުން ފުޅާ ދާއިރާއެއްގައި ހައްޔަރުކުރުމާއި، ފަލަސްތީނުގެ ބިންތައް ހިފެހެއްޓުމާއި، ވަސީލަތްތައް ކޮންޓްރޯލްކުރުން ފަދަ ކަންކަމުގެ ސަބަބުން އެ ޖަމާއަތުގެ ވެރިންނަށް ނުފޫޒު ފޯރުވިއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގާ ކޯޓުތަކުގައި 1967 ވަނަ އަހަރުން ފެށިގެން 1987 ވަނަ އަހަރާ ދެމެދު ފަލަސްތީނުގެ ބައި މިލިއަނަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް ޝަރީއަތް ކޮށް، ފަލަސްތީނުގެ 1500 އެއްހާ ގެތައް ތަޅާލައި، އިތުރު އެތައް ހާސް ބަޔަކު މަޖުބޫރުކޮށް ޑީޕޯޓްކޮށްލިއެވެ.
ގާޒާގައި 2006 ވަނަ އަހަރު ބޭއްވި އިންތިހާބު ހަމާސް އިން ކާމިޔާބު ކުރުމާއެކު އެ ޖަމާއަތުގެ ލީޑަރު ހަނިއްޔާ ވިދާޅުވީ 1967 ވަނަ އަހަރުގެ ބޯޑަރުތަކާއި ޕީއޭ އާއި ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އިން ނިންމި ހުރިހާ ނިންމުމެއް އެ ޖަމާއަތުން ބަލައިގަތް ކަމަށެވެ.
ހަމާސްގެ ލީޑަރުން ވަނީ 1967 ވަނަ އަހަރު ހިފާފައިވާ ސަރަހައްދުތަކުން އިޒްރޭލު ސިފައިން އަނބުރާ ގެންދިއުމަށާއި، 1948 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ރެފިއުޖީންނަށް އެމީހުން ގެދޮރު ގެއްލިފައިވާ ގެތަކަށް އެނބުރި ދިއުމުގެ ހައްގާއި، އިޒްރޭލަށް އަރަބިން ބަލައިގަތުމުގެ ބަދަލުގައި އިސްތިގުލާލީ މިނިވަން ފަލަސްތީނު ދައުލަތެއް އުފެއްދުމަށް ގޮވާލާ 2002 ވަނަ އަހަރުގެ އަރަބި ސުލްހައިގެ އިނީޝިއޭޓިވްއަށް ވެސް ތާއީދުކޮށްފައެވެ.
ނަމަވެސް ހަމާސްގެ ހުށަހެޅުންތަކަށް އިޒްރޭލުން ތަކުރާރުކޮށް ދެކޮޅު ހަދައި، އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ ބައިވެރިން ވަނީ ހަމަނުޖެހުންތަކުގައި "ނަޒާހަތްތެރި ބްރޯކަރެއްގެ" ދައުރެއް އަދާކުރާ ކަމަށް ވޮޝިންޓަނުން ބުނަމުން ދިޔަ ނަމަވެސް އެކަމަށް އިހުމާލުވެފައެވެ.
ހަމާސް ކޮންޓެންޑް: ދަ ރައިޒް އެންޑް ޕެސިފިކޭޝަން އޮފް ފަލަސްތީން ރެސިސްޓެންސްގެ ލިޔުންތެރިޔާ ތާރިގު ބަކޯނީ ވިދާޅުވި ގޮތުގައި ހަމާސް އިން އަބަދުވެސް ބުނަމުން ދަނީ ހަނގުރާމައިގެ އެއްބަސްވުމެއް ހުށަހަޅައި އާންމުންނަށް އަމާޒުކުރުން ހުއްޓާލަން ތައްޔާރަށް ތިބި ކަމަށެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގެ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުގެ 750،000 އެއްހާ މީހުން ދިރިއުޅެމުން އަންނައިރު، އޭގެ ތެރެއިން ބޮޑު ބައެއް ބިނާކޮށްފައިވަނީ މުޅިން ނުވަތަ ބައިބައިކޮށް ފަލަސްތީނުގެ އަމިއްލަ ބިމުގައެވެ.
2017 ވަނަ އަހަރު ހަމާސް އިން ވަނީ 1988 ވަނަ އަހަރުގެ ޗާޓަރު ރަސްމީކޮށް އިސްލާހުކޮށް، 1967 ވަނަ އަހަރުގެ ބޯޑަރު ސަރަހައްދުގައި ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނާނެކަން އަނެއްކާވެސް އިއުލާނުކޮށްފައެވެ.
"ހަމާސްގެ ވިސްނުން ފެށުނީއްސުރެ ވަރަށް ސާފު. ދީނީ ހަނގުރާމައަކާ ކުރިމަތިނުލާ" މެޝާލް އޭރު ވިދާޅުވި އެވެ.
އިޒްރޭލުގެ އޮފިޝަލުން ވަނީ އާ ޕޮލިސީ ކަރުދާހަކީ ދޮގެއް ކަމަށް ބުނެ ބޭރުކޮށްލާފައެވެ. ނަތަންޔާހޫ ރަމްޒީ ގޮތުން އެ ލިޔުން ޑަސްބިނަކަށް އެއްލާލީ އެއީ މުޅި ދުނިޔެއަށް އޮޅުވާލަން ކުރި ކަމެއް ކަމަށް ބުނެއެވެ.
"ގާޒާގެ ވާހަކައެއް ނޫން"
ބައެއް ތަޖުރިބާކާރުން ބުނަނީ ހަމާސް ޖަމާއަތާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަލަސްތީނުގެ އެހެން ސިޔާސީ ޕާޓީތައް ކަމަށްވާ ފަތަހް ފަދަ ފަލަސްތީނުގެ އެހެން ސިޔާސީ ޕާޓީތަކާ އެކު ވިޔަސް، ސިޔާސީ ހައްލެއް ގެނައުމަށް އިޒްރޭލުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށެވެ.
"މައްސަލައަކީ ގާޒާގެ މައްސަލައެއް ނޫން. އަދި ހަނގުރާމަ ފެށީ އިޒްރޭލުންތޯ ނުވަތަ ހަމާސް އިންތޯ ވެސް ނޫން. ހިފާފައިވާ ހުޅަނގު އައްސޭރީގައި ކޮންމެ ދުވަހަކުވެސް މީހުން މެރުމާއި މާރާމާރީތައް ހިނގަމުން އެބަދޭ. އަލްއަގްސާ މިސްކިތަށް ހަމަލާތައް ދިނުމާއި، ގައިދީންނާއި ޗެކްޕޮއިންޓްތައް ވެސް އެބަހުރި." ރާމަاللهގެ އެނަލިސްޓެއް ކަމަށްވާ ސާރީ އޮރާބީ ވިދާޅުވިއެވެ.
"ގާޒާގައި ތިބި ރައްޔިތުންނަކީ ރެފިއުޖީން. އެމީހުން އެކަހެރިކޮށް ފަލަސްތީނުގެ އެހެން މީހުންނާ ވަކިވެގެން ދިޔައީ." އޭނާ ވިދާޅުވިއެވެ.
ގާޒާގެ އާބާދީގެ ބޮޑު ބަޔަކީ ރެފިއުޖީންނެވެ. އެއީ 1948 ވަނަ އަހަރު ޒަޔަނިސްޓް ލަޝްކަރުތަކުން މިހާރު އިޒްރޭލުގެ ދައުލަތެއްގެ ގޮތުގައި އޮތް އެ ގައުމުގެ ސިޓީތަކާއި އަވަށްތަކުން ބޭރުކުރި ރެފިއުޖީންނެވެ.
1993 ވަނަ އަހަރާއި 1995 ވަނަ އަހަރު އިޒްރޭލާއި ޕީއެލްއޯއާ ދެމެދު ސޮއިކުރި އޮސްލޯ އެއްބަސްވުން ނާކާމިޔާބުވުމުގެ ޒިންމާ ވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ އިޒްރޭލުގެ ބޮލުގައި އަޅުވާފައެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އާއި ގާޒާގެ ހިފާފައިވާ ސަރަހައްދު ހިމެނޭ ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށްޓަކައި އިންތިގާލީ، ފަސް އަހަރުގެ ވެރިކަމުގެ އިދާރާއެއް ކަމަށްވާ ޕީއޭ އުފެދުނެވެ.
ނަމަވެސް ޕީއޭ އުފެދުނުތާ 30 އަހަރު ވެފައިވާއިރު، އިޒްރޭލުގެ ބާރުގެ ދަށަށް ދިއުމާއި، ގަވައިދާ ހިލާފަށް ބިން ހިފުމާއި، އާބާދީތައް ހެދުމުގެ ސަބަބުން ދައުލަތެއް އުފެއްދުމުގައި ޕީއޭ ވަނީ ފެއިލްވެފައެވެ. ހަމާސް އިން 2007 ވަނަ އަހަރު ޕީއޭގެ އަތުން ގާޒާގެ ކޮންޓްރޯލް ނެގިއެވެ.
ފަލަސްތީނުގެ މެދުގައި އޮސްލޯ އެއްބަސްވުމަށް އެންމެ ފުރަތަމަ ތާއީދު އޮތް ނަމަވެސް، 1999 ވަނަ އަހަރާ ހަމައަށް ސުލްހައިގެ އެންމެ ފަހުގެ އެއްބަސްވުމަކަށް ނާދެވުމާއި، ހާއްސަކޮށް ނަތަންޔާހޫގެ ޒައާމަތުގައި ސެޓްލްމަންޓް ޕްރޮޖެކްޓްތައް ކުރިއަށް ދިއުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މާޔޫސްވެފައެވެ. 2010 ވަނަ އަހަރު ލީކުވި ވީޑިއޯއެއްގައި ނަތަންޔާހޫ ވަނީ އޮސްލޯ އެއްބަސްވުން ކާމިޔާބު ނުވާނެ ކަން ޔަގީން ކުރެއްވި ގޮތާ މެދު ބޮޑާވެގަންފައެވެ.
އޮސްލޯ އެއްބަސްވުމުގެ އުއްމީދުތައް މާޔޫސްކަމަށް ބަދަލުވީ، އިސްރޭލުގެ އެކި ސަރުކާރުތަކުގައި އިޒްރޭލުގެ ސިޔާސަތުތަކުގެ ސަބަބުން ޕީއޭ އާއި އެގައުމުގެ އުންމީދުތައް ހީނަރުވަމުން ދިއުމުންނެވެ.
މިއަދު ޕީއޭއިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖީބުތަކުގެ މައްޗަށް އިދާރީ ވެރިކަން ލިމިޓްކޮށްފައިވާއިރު، ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ގާނޫނާ ހިލާފަށް ކަމަށް ބެލެވޭ އިޒްރޭލުގެ އާބާދީތައް ވަނީ ހަލުވިކަމާއެކު އިތުރުވެފައެވެ. ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ވަޒަންވެރިވި މީހުންގެ އާބާދީ 1993 ވަނަ އަހަރު އިޒްރޭލުގެ 250،000 މީހުން ތިބި ނަމަވެސް މި އަހަރު ވަނީ ހަތް ލައްކައަށް ވުރެ އިތުރުވެފައެވެ.