އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކޮށްފިއެވެ.

އެ މަގާމަށް މިއަދު އައްޔަން ކުރައްވާފައި ވަނީ އައިޝަތު ފިފްޝީން އަލީއެވެ. ފިފްޝީން ވަނީ މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން ބޭންކް އޮފް މޯލްޑިވްސްގައިވެސް މަސައްކަތް ކުރައްވާފައެވެ.

އެސްޑީއެފްސީ އަކީ ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގު ފަހި ކޮށްދިނުމަށް ގާއިމް ކުރި ކުންފުންޏެކެވެ.

އެގޮތުން ޓޫރިޒަމް (ރަށު ފަތުރުވެރިކަން)، ދަނޑުވެރިކަން، މަސްވެރިކަން، އުފެއްދުންތެރިކަމާއި ގުޅުންހުރި ވިޔަފާރިތަކުގެ އިތުރުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާތަކަށް ބޭނުންވާ ލޯނު އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްޑީއެފްސީ އިން އިސްކަންދެއެވެ.

އެ ކުންފުނީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިގްތިސާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމެވެ.