އެއްމެދު އިމާރާތްތަކުގެ ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށާއި އެއްމެދު އިމާރާތުގެ ކަންކަން އެއް ވިއުގައަކުން މެނޭޖުކުރެވޭ ގޮތް ހެދުމަށްޓަކައި އެކަމަށް ހާއްސަ 'ސްޓްރާޓާ' ޕޯޓަލް މިއަދު އިފްތިތާހުކޮށްފިއެވެ.

މިކަމަށްޓަކައި ހައުސިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި 'ސްޓްރާޓާ' ޕޯޓަލް އިފްތިތާހުކޮށްދެއްވީ ކުރީގެ ހައުސިން މިނިސްޓަރު އިބްރާހީމް ރަފީގެވެ.

އެއްމެދު އިމާރާތް، ނުވަތަ 'ސްޓްރާޓާ' ސްކީމަކީ އިމާރާތެއް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓުތައް ވަކިވަކި ފަރުދުންނަށް މިލްކުކުރެވޭ ގޮތަށް ހަދާފައިވުމާ އެކު، އެ އިމާރާތް ނުވަތަ އިމާރާތްތަކުގައި ހިމެނޭ އާންމު ތަންތަން ހުރިހާ ޔުނިޓުތަކެއްގެ މިލްކުވެރި ފަރާތްތަކުގެ މެދުގައި ހިއްސާވެ އެ ތަންތަން ހިންގައި ބެލެހެއްޓުމެވެ.

ހައުސިން މިނިސްޓްރީން ބުނީ، މިއަދު އިފްތިތާހުކުރި ސްޓްރާޓާ ޕޯޓަލްގެ ސަބަބުން:

  • އެއްމެދު އިމާރާތްތައް ރަޖިސްޓްރީކުރުމާއި އެއްމެދު އިމާރާތްތަކަށް ނިސްބަތްވާ 'މެނޭޖްމެންޓް ކޯޕަރޭޝަން'ތައް ރަޖިސްޓްރީކޮށް ސަރުކާރުން ބެލެހެއްޓުމަށް މަގުފަހިވެގެން ދާނެ ކަމަށް
  • ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމަށްޓަކައި އެ ދާއިރާގެ ކުންފުނިތަކުން ތަރައްގީކުރާ މަޝްރޫއުތައް އެއްމެދު އިމާރާތްތަކުގެ ގޮތުގައި ރަޖިސްޓްރީކުރުމާއި ގަނެވިއްކުމާއި ހިންގައި ބެލެހެއްޓުމަށް ވެސް މަގުފަހިވެގެން ދާނެ ކަމަށް

މި ޕޯޓަލްގެ ދަށުން، ސަރުކާރުގެ އިދާރާތަކާއި އެނޫން ވެސް ގުޅުންހުރި އިދާރާތަކާ ގުޅުވާލެވިގެން އެކަމާ ގުޅުންހުރި ހުއްދަތައް ދޫކުރެވިގެން ދާނެ ކަމަށާއި، ރަށްރަށުގައި ހަދާފައިވާ އެއްމެދު އިމާރާތްތަކުގެ ހުރިހާ މައުލޫމާތުތަކެއް ވެސް ރެކޯޑުކުރެވިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.