ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި އެންމެނަން ފުރުސަތުދޭން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެގޮތަށް ނިންމަވާފައިވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކުރަން ހުށަހެޅި ބައެއް މީހުންގެ ކެންޑިޑެންސީ ބާތިލުކުރަން އެ ކޯލިޝަނުން ނިންމުމާ ގުޅިގެން އިހުތިޖާޖުކޮށްފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން މިއަދު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ބައެއް ފަރާތްތަކަށް ނުދޭން ނިންމާފައި ވަނީ އެ ފަރާތްތަކުން ޕީޕީއެމް އަދި ޕީއެންސީ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކުރި ކަމަށާއި ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާ ކަމަށް ބުނެއެވެ.
އެކަމާ ގުޅިގެން ޕްރައިމަރީގައި ވާދަ ކުރުމަށް ހުށަހެޅި ފަރާތްތަކުން އަދި އެ ފަރާތްތަކަށް ސަޕޯޓް ކުރާ ފަރާތްތަކުން ވަނީ ރޭ ޕީއެންސީގެ އޮފީހަށް ގޮސް ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފައެވެ. އަދި އެ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ވެސް މިކަމާ ގުޅިގެން ނުރުހުން ފާޅު ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޯލިޝަންގައި ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށް ބުނެ ސިޓީ ފޮނުވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަދި ޕީޕީއެމް، ޕީއެންސީގެ ދެބަސްވުން ކުރިމަތިވި އިރު ރައީސް ޔާމީންއަށް ސަޕޯޓްކޮށް ފަހުން އެ ކޯލިޝަންއަށް ގުޅުނު ފަރާތްތަކުގެ އިތުރުން މަޖިލިސް އިންތިހާބާ ދިމާކޮށް އެ ކޯލިޝަންއަށް ގުޅުނު ފަރާތްތަކަށެވެ.
ކޯލިޝަންގެ ޕްރައިމަރީގައި ބައިވެރިވާ ފަރާތްތަކަކީ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމް ނުވަތަ ޕީއެންސީގެ މެންބަރުންނަށް ވާންޖެހޭނެ ކަމަށާއި ޕާޓީއަށް ހިދުމަތް ކޮށްފައިވާ މީހުންތޯ ބަލާނެ ކަމަށް ޕްރައިމަރީއަށް ހުޅުވާލި އިރު އެ ކޯލިޝަނުން ބުނެފައިވެއެވެ.