6 ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ޕާޓީތަކަކީ އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް، އެމްޑީއޭ އަދި ޕީއެންސީއެވެ. އެ ޕާޓީތަކަށް ދިނުމަށް ނިންމާފައި ވަނީ ޖުމްލަ 44،099،905 ރުފިޔާއެވެ.

ފައިސާ ދޫކުރުމަށް ނިންމާފައިވާ ޕާޓީގެ ނަން، މެންބަރުންގެ ނިސްބަތުން ޕާޓީއަކަށް ޖެހޭ ފައިސާގެ އަދަދު އަދި ޕާޓީގެ މެންބަރުންގެ އަދަދު:

  • އެމްޑީޕީ - 15.1 މިލިއަން ރުފިޔާ (52،142 މެންބަރުން)
  • ޕީޕީއެމް - 10.5 މިލިއަން ރުފިޔާ (36،223 މެންބަރުން)
  • ޕީއެންސީ 8.2 މިލިއަން ރުފިޔާ (28،201 މެންބަރުން)
  • ޖުމްހޫރީ ޕާޓީ - 5.3 މިލިއަން ރުފިޔާ (18،349 މެންބަރުން)
  • އަދާލަތު ޕާޓީ - 2.5 މިލިއަން ރުފިޔާ (8،796 މެންބަރުން)
  • އެމްޑީއޭ - 2.5 މިލިއަން ރުފިޔާ (8،555 މެންބަރުން)

އީސީއިން ބުނެފައި ވަނީ ފައިސާ ދޫކުރާ ޕާޓީތަކަކީ މި އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގައި ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވެފައިވާ ޕާޓީތަށް ކަމަށެވެ. އަދި ޕާޓީތަކަށް ކަނޑައެޅިފައިވާ ފައިސާއިން ޕާޓީގެ ކޮންމެ މެންބަރެއްގެ ބޮލަށް ޖެހޭ އަދަދަކީ 289.62 ރުފިޔާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށެވެ. އަދި އެ ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، ޕާޓީގައި މެންބަރުން ތިބި އަދަދަށް ރިއާޔަތް ކުރުމަށްފަހު އެވެ.