ޕީޕީއެމް އަދި ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމަށް ހުށަހެޅި ބައެއް ފަރާތްތަކަށް އެ ފުރުސަތު ނުދިނުމާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ބައެއް ފަރާތްތަކަށް ނުދޭން ނިންމާފައި ވަނީ އެ ފަރާތްތަކުން ޕީޕީއެމް އަދި ޕީއެންސީ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކުރި ކަމަށާއި ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާ ކަމަށް ބުނެއެވެ.
އެކަމާ ގުޅިގެން ޕްރައިމަރީގައި ވާދަ ކުރުމަށް ހުށަހެޅި ފަރާތްތަކުން އަދި އެ ފަރާތްތަކަށް ސަޕޯޓް ކުރާ ފަރާތްތަކުން ވަނީ ރޭ ޕީއެންސީގެ އޮފީހަށް ގޮސް ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފައެވެ. އަދި އެ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ވެސް މިކަމާ ގުޅިގެން ނުރުހުން ފާޅު ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޯލިޝަންގައި ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށް ބުނެ ސިޓީ ފޮނުވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަދި ޕީޕީއެމް، ޕީއެންސީގެ ދެބަސްވުން ކުރިމަތިވި އިރު ރައީސް ޔާމީންއަށް ސަޕޯޓްކޮށް ފަހުން އެ ކޯލިޝަންއަށް ގުޅުނު ފަރާތްތަކުގެ އިތުރުން މަޖިލިސް އިންތިހާބާ ދިމާކޮށް އެ ކޯލިޝަންއަށް ގުޅުނު ފަރާތްތަކަށެވެ.
ކޯލިޝަންގެ ޕްރައިމަރީގައި ބައިވެރިވާ ފަރާތްތަކަކީ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމް ނުވަތަ ޕީއެންސީގެ މެންބަރުންނަށް ވާންޖެހޭނެ ކަމަށާއި ޕާޓީއަށް ހިދުމަތް ކޮށްފައިވާ މީހުންތޯ ބަލާނެ ކަމަށް ޕްރައިމަރީއަށް ހުޅުވާލި އިރު އެ ކޯލިޝަނުން ބުނެފައިވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެ ކޯލިޝަންގެ ޕްރައިމަރީގައި ވޯޓު ލެވޭ މެންބަރުންގެ ލިސްޓް ޕީއެންސީގެ ވެބްސައިޓްގައި އާންމުކޮށް ޝަކުވާއަށް ހުޅުވާލި މުއްދަތު މިހާރު ހަމަވެފައި ވާއިރު، ދެން ފޮނުވާ އެއްވެސް ޝަކުވާއެއް ބަލައިނުގަނެވޭނެ ކަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ އިންތިހާބު އަންނަ ހޮނިހިރު ދުވަހަށް ފަސް ކުރަން އެ ކޯލިޝަނުން ވަނީ ނިންމާފައެވެ.