2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާ އިން ޔޫކްރެއިންއާ ދެކޮޅަށް ފުލް ސްކޭލް ހަނގުރާމައެއް ފެށިއިރު، ގާޒާގެ 30 އަހަރުގެ ނޫސްވެރިއެއް ކަމަށްވާ އަމޭރް އަރޯގީއަށް ޔޫރަޕްގެ ހަމަނުޖެހުންތައް ކަވަރުކުރަން މަޖުބޫރުކަމުގެ އިހުސާސް ކުރެވުނެވެ. އިޒްރޭލުގެ ވެރިކަމުގެ ތަޖުރިބާ ކުރެއްވުމަށް ފަހު، ޔޫކްރެއިންގެ ރައްޔިތުންނާ މެދު ހަމްދަރުދީ ވެވިދާނެ ކަމަށް އޭނާ ގަބޫލުކުރިއެވެ.
ވަކިން ހާއްސަކޮށް އޭނާގެ ބޭބެ ޔޫކްރެއިންގައި އެތައް އަހަރެއް ވަންދެން ދިރިއުޅެމުން އައިތީ އެތަނަށް ބަދަލުވުމުގެ ކަންތައްތައް ދިޔައީ ވަރަށް ފަސޭހަކޮށެވެ. މާ ދުވަހެއް ނުވެ އަރޯގީ އަށް މަޝްހޫރު ނިއުސް ޗެނަލެއްގެ ކޮރެސްޕޮންޑެންޓެއްގެ ގޮތުގައި އާ ދައުރެއް ލިބުނެވެ.
އޭގެ ދެ އަހަރެއްހާ ދުވަސް ނުވަނީސް އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުންތައް އެންމެ ފަހުން ހޫނުވުމާ އެކު އަނެއްކާވެސް އޭނާގެ އަމިއްލަ ވަޒަނުގައި ހަމަނުޖެހުން ވަނީ އުފެދިފައެވެ.
ބައެއް އޮބްޒާވަރުން ފާހަގަކުރާ ގޮތުގައި ރަޝިއާ އާއި އިޒްރޭލާއި ޔޫކްރެއިން އާއި ފަލަސްތީނާ އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ.
ގާޒާގައި ހަނގުރާމަ ފެތުރެން ފެށުމާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވްލަޑިމިރް ޒެލެންސްކީ ވަނީ ޔޫކްރެއިންގެ އާބާދީގެ ބޮޑު ބަޔަކާއި ގާތްގަނޑަކަށް ހުޅަނގުގެ ހުރިހާ ލީޑަރުންނާ ގުޅިވަޑައިގެން އިޒްރޭލަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.
"ޑަބަލް ސްޓޭންޑަޑެއް ފެނުނީ. ޔޫކްރެއިނުގެ މީހުންނަށް ދުނިޔެ އެހީ ވިއިރު، އެކަކުވެސް އަހަންނަށް އެހީއެއް ނުވި. މަންމަ އާއި ކޮއްކޮ ގާޒާއިން ބޭރަށް ގެންދިއުމަށް ވެސް އެއްވެސް ފަރާތަކުން އެހީއެއް ނުވި." އަރޯގީ ބުންޏެވެ.
އަރޯގީ ބުނި ގޮތުގައި ހަނގުރާމައިގެ ފުރަތަމަ މަރުހަލާގައި ޔޫކްރެއިންގެ ރައްޔިތުންނަކީ ބޮޑެތި ޕްރޮޕެގެންޑާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުން ކަމަށާއި އެހެންކަމުން އިޒްރޭލުން ގާޒާއަށް ބޮން އެޅުމަށް ގިނަ ފަހަރަށް ތާއީދު ކުރާ ކަމަށެވެ.
އޭނާ އެތަނުން ދާން ބޭނުންވާ ކަމަށް ބުނި ނަމަވެސް ފަލަސްތީނުގެ ޕާސްޕޯޓެއް އޮތުމުން އެކަން ނުކުރެވުނެވެ.
ގާޒާގައި ދިރިއުޅޭ އާއިލާއާމެދު ކަންބޮޑުވެ، ދުވަސްތައް ހޭދަކުރަނީ ޓީވީން ހަބަރުތައް ބެލުމުގައެވެ.
"މަންމަ އަހަރެން ގާތު އަހަނީ އަހަރެން ހާލު ރަނގަޅުހޭ. ރަޝިއާއިން ބޮން އަޅާހޭ. އަހަރެން މަންމަ ގާތު އަހަނީ މަންމަ ހާލު ރަނގަޅުހޭ. އިޒްރޭލުން ބޮން އަޅާހޭ." އޭނާ ބުންޏެވެ.
އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުން އެންމެ ފަހުން ހޫނުވާން ފެށީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާތަކުގެ ސަބަބުން 1،139 މީހުން މަރުވެ، ހަރުކަށި ޖަވާބެއް ދޭން ފެށުމުންނެވެ.
ހަމަނުޖެހުންތަކުގެ މި ހިސާބަށް އައިއިރު، ގާޒާގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ 24،762 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވަށާލާފައިވާ އެންކްލޭވްގެ ވެރިކަން ކުރާ އިދާރާ ކަމަށްވާ ހަމާސް ނައްތާލުމަށް އިޒްރޭލުން ދޭ ހަމަލާތަކުގެ ސަބަބުން އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއި އެ ޖަމާއަތުގެ އަމަލުތަކާ މެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔޫކްރެއިންގެ ފަސްޓް ލޭޑީ އޮލީނާ ޒެލެންސްކާ ވިދާޅުވީ، އިޒްރޭލުގެ ރައްޔިތުންގެ ވޭން ޔޫކްރެއިންގެ ރައްޔިތުން ދެނެގަނެ ހިއްސާކުރާ ކަމަށާއި ކިއެވްގައި ހުރި ބިލްބޯޑުތަކުގައި އިޒްރޭލުގެ ދިދަތައް ޖަހާފައިވާ ކަމަށެވެ.
މީގެ ނުވަ އަހަރު ކުރިން ގާޒާއިން ޔޫކްރޭނަށް ބަދަލުވި މެޑިކަލް ޕްރޮފެޝަނަލެއް ކަމަށްވާ ހާޝިމް (އަސްލު ނަމެއް ނޫން)، ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތްއިރު އޭނާ އެޑޮޕްޓްކުރި ގެއަށް ވަފާތެރިވުމުގައި ސާބިތުކަމާއެކު ދެމިހުންނެވިއެވެ. ނަމަވެސް އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ރައްދުގެ ސަބަބުން ހަނގުރާމައިގެ ފުރަތަމަ މަސްތަކުގައި، ވަކިން ހާއްސަކޮށް "ފަލަސްތީނު ފަދައިން ޔޫކްރެއިންއަށް ވެރިވެގަތުމުގެ ސަބަބުން ޔޫކްރޭނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ" ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އަދި ގައުމީ މީޑިއާގެ ބާރުގަދަ ވާހަކައަކީ އިޒްރޭލަށް ތާއީދުކޮށް، އާންމުންގެ އިހުސާސްތައް ބައްޓަންކުރާ ވާހަކަތަކެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޔޫކްރޭނުގައި ދިރިއުޅެމުން ދިޔަ އިރު، އޭނާއަކީ ގާޒާއަށް ނިސްބަތްވާ މީހެއް ކަން އެނގުމުން، މީހުންގެ ފަރާތުން އިންޒާރުތަކާއި ނަފްރަތުން ފުރިގެންވާ މެސެޖުތައް އޭނާއަށް ލިބުނު ކަމަށް ބުންޏެވެ. މި ދަތިތަކާއެކުވެސް އޭނާ އިހްތިޔާރު ކުރީ ޔޫކްރެއިންގައި މަޑުކުރުމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައަށް މިހާރު ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ހާޝިމް އާއި އަރޯގީ ވަނީ އާންމުންގެ ވިސްނުމަށް ބައެއް ބަދަލުތައް އައިސްފައިވާކަން ފާހަގަކޮށްފައެވެ.
ގާޒާގައި މީހުން މެރުމާއި އިމާރާތްތައް ހަލާކުކުރުމަށް ދެމުން އަންނަ ހަމަލާތައް ދައްކުވައިދޭ ފޮޓޯތައް މެދުކެނޑުމެއްނެތި ދައުރުވަމުން ދިއުމުގެ ސަބަބުން ޔޫކްރެއިންގެ ބައެއް ރައްޔިތުން އެމީހުންގެ ސަރުކާރުގެ ސިޔާސަތަށް ފާޅުގައި ފާޑުކިޔަން ވަނީ ނުފޫޒު ފޯރުވާފައެވެ. މިދިޔަ ނޮވެމްބަރު މަހު ޔޫކްރެއިންގެ 300 އަށް ވުރެ ގިނަ އިލްމުވެރިންނާއި އެކްޓިވިސްޓުންނާއި އާޓިސްޓުން ވަނީ ހުޅުވާލެވިފައިވާ ސިޓީއެއް މެދުވެރިކޮށް ފަލަސްތީނާ އެއްބައިވަންތަކަން ފާޅުކޮށްފައެވެ.
އެ ސިޓީގައި ފަލަސްތީނުގެ އަމިއްލަ އިހްތިޔާރުގެ ހައްގާއި އިޒްރޭލުގެ ވެރިކަމާ ދެކޮޅު ހެދުމުގެ ހައްގަށް އަލިއަޅުވާލާފައިވާއިރު، ޔޫކްރެއިންގެ ރައްޔިތުން ރަޝިޔާއަށް އަރައިގަތުމާ ދެކޮޅު ހަދައެވެ. މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ޔޫކްރެއިންގެ ބައެއް މީހުންގެ މެދުގައި ކުރިއަރަމުން އަންނަ ވިސްނުމެކެވެ.
ހާޝިމް ވިދާޅުވީ ޔޫކްރެއިންގެ ބައެއް މީހުން އިޒްރޭލުގެ ވާހަކަތަކަކީ ދޮގު އަދި ބޭއިންސާފު ވާހަކަތަކެއްގެ ގޮތުގައި ދެކެން ފެށުމުން އަމިއްލަ ނަފްސާއި ފަލަސްތީނުގެ ރައްޔިތުންނަށް އަހްލާގީ ތާއީދު އޮތް ކަމުގެ އިހުސާސް ކުރެވެން ފެށި ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ފަލަސްތީނަށް ތާއީދުކުރާ މުޖުތަމައުގެ ބައެއްގެ ޕްރެޝަރު ބޮޑުވުމުގެ ސަބަބުން ޔޫކްރެއިން ސަރުކާރުގެ ސިޔާސަތު ބަދަލުވުމަށް މަޑުމަޑުން އަސަރުކުރިއެވެ.
ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އދ.ގެ ގަރާރަށް ޔޫކްރެއިން އިން ތާއީދުކުރިކަން ފާހަގަކުރައްވައި އޭނާ ވަނީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަތުމުން ގާނޫނީ ގޮތުން ކުރާނެ ގެއްލުންތަކާ މެދު ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހިޔާލު ދިނުމަށް ގޮވާލާފައެވެ. ނަމަވެސް ޔޫކްރެއިންއިން ނިންމީ ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ގާޒާގައި އިންސާނީ ހަނގުރާމަ ހުއްޓާލުމަށް ވަކާލާތުކޮށް ދާދި ފަހުން ހުށަހެޅި ގަރާރަށް ވޯޓަށް އެހުމަށެވެ. މިކަމުން ދޭހަވަނީ އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކާ ގުޅިގެން ޔޫކްރެއިން ސަރުކާރުގެ ފަރާތުން ވަރަށް ހަރުދަނާ އަދި ކުރިއަރަމުން އަންނަ ސްޓޭންޑެކެވެ.
ހުޅުވާލެވިފައިވާ ސިޓީ އަށް ތާއީދުކުރެއްވި ރިސާޗަރެއް ކަމަށްވާ ޔޫލިއާ ކިޝްޗުކް ހިއްސާކުރެއްވި ގޮތުގައި ޑިމޮކްރެޓިކް އަދި ޕްރޮގްރެސިވް ގައުމެއްގެ ގޮތުގައި ދެކޭ ޔޫކްރެއިންގެ ސިޔާސީ ލިބަރަލުންގެ ވަރަށް ބޮޑު ތާއީދެއް އިޒްރޭލަށް ލިބެއެވެ.
އެކަމަނާ ވިދާޅުވީ ޔޫކްރެއިންގެ މީޑިއާތަކުގައި އިޒްރޭލަކީ މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ވެސް ޑިމޮކްރަސީއާ ދެކޮޅަށް ދިފާއުކުރާ ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި ގިނަ ފަހަރަށް ސިފަކުރާ ކަމަށެވެ. ނަމަވެސް އެ ވާހަކައިގައި ފަލަސްތީނެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޝްޗުކް ވިދާޅުވީ ފަލަސްތީނާއި އެ ގައުމުގެ ތާރީހާއި ޔޫކްރެއިންގެ ރައްޔިތުންގެ މެދުގައި އިޒްރޭލުން މިހާރު ހިފަހައްޓަމުން އަންނަ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުވަމުންދާ ކަމަށެވެ. މިކަމުން ދޭހަވަނީ ހަމަނުޖެހުންތައް ދެނެގަތުމާއި، އެކަމާ މެދު ވިސްނުން ފުޅާކުރަން ކުރާ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޔުކްރެއިންގެ މަޝްހޫރު ހިޔާލު އުފައްދާ ފަރާތްތަކާއި މެދުއިރުމަތީގެ ސްޕެޝަލިސްޓުންނަށް މީޑިއާގައި ބޮޑު އިސްކަމެއް ލިބި، ފަލަސްތީނަށް ޔޫކްރެއިންގެ ތާރީހީ ތާއީދު އޮތް ގޮތާ ބެހޭ ގޮތުން ވާހަކަތައް ވަނީ ދައްކާފައެވެ. އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަތުން ކުށްވެރިކޮށް އދ.ގެ ގަރާރުތަކަށް ކިއެވް ގެންދަވަނީ އަބަދުވެސް ތާއީދު ކުރައްވަމުންނެވެ.
ހަމައެއާއެކު އިޒްރޭލުން ގާޒާއަށް ބޮން އެޅުމުގެ ބިރުވެރިކަން ދައްކުވައިދޭ ފޮޓޯތަކުން ޔޫކްރެއިންގެ ރައްޔިތުންގެ މެދުގައި ހަމްދަރުދީ އުފެދި، ހަނގުރާމައިގެ އަމިއްލަ ތަޖުރިބާތަކާ އެއްގޮތް ގޮތްތަކެއް ދައްކުވައިދޭ ކަމަށް ކިޝްޗުކް ވިދާޅުވިއެވެ.
އަދި މިފަހަކަށް އައިސް ސަރުކާރުގެ އިސްވެރިންގެ ރާގަށް އައި ބަދަލުވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މިދިޔަ ޑިސެމްބަރު މަހު ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އިޒްރޭލާއި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަން ޔޫކްރެއިން އިން ގަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ. މިކަމުން ދޭހަވަނީ އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކާ ގުޅިގެން ޔޫކްރެއިންގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ އަދި ކުރިއަރަމުން އަންނަ ވިސްނުމެކެވެ.