އިންޑިއާގެ އުއްތަރު ޕަރްދޭޝްގެ އަޔޯދީގައި ހުރި އާސާރީ "ބާބްރީ" މިސްކިތް ތަޅާލުމަށް ފަހު އެތަނުގައި އެޅި ހިންދީންގެ ފައްޅި "ރާމް މަންދިރް" ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނައިރު މިއީ އިންޑިއާގައި ދީނީ ބޮޑު ހަމަނުޖެހުމެއް ހިނގާފާނެ ކަމެއްކަމުގައި ބުނެ މިހާރުވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ފުރިހަމަ ތާއިދާ އެއްބާރުލުމާއެކު، މި މަހުގެ 22 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރާމް މަންދިރް އަކީ މޯދީގެ ހަރުކަށި ހިންދޫ ސިޔާސީ ފިކުރާ، އަދި މޯދީގެ ކެމްޕެއިންގެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ބީޖޭޕީ އިން ދެކެއެވެ. މިދިޔަ ހަފްތާގައި މޯދީ ވަނީ މި ފައްޅި ހުޅުވާތަން ފެނުމަކީ ބޮޑު ނަސީބެއްގެ ގޮތުގައި ސިފަކުރައްވާ، މިތަން ހުޅުވުމުގެ ކުރިން 11 ދުވަހު "ރޯދަ" ހިފާނެކަން ވެސް އިއުލާން ކުރައްވާފައެވެ.

ރާމް މަންދިރް

ބީޖޭޕީ ސަރުކާރުގެ ފުރިހަމަ ތާއީދާ އެކު އެތަނުގައި 160 ފޫޓް އުސްމިނުގައި ބޮޑު ފައްޅިއެއް އަޅާފައިވާއިރު، މޯދީ ތިންވަނަ ދައުރަކަށް އިންތިހާބު ވުމަށް ނުރަސްމީކޮށް ފަށާ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި، މިސްކިތް ތަޅާލުމަށް ފަހު އެޅި ފައްޅި ހުޅުވުން ހިމެނެއެވެ. މި ފައްޅި ހުޅުވުމުގެ ހަފްލާގައި އިންޑިއާގެ ނުފޫޒު ގަދަ ފަރާތްތަކާ، ކުޅިވަރު ކުޅޭ ފަރާތްތަކުގެ އިތުރުން މަޝްހޫރު ފިލްމީ ތަރިންވެސް ބައިވެރިވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ފައްޅި ހުޅުވުމަށް ހިންދޫ އިން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ މިއީ މޯދީގެ ކެމްޕެއިން ހަރަކާތެއް ކަމަށާ، މި ހަރަކާތުގައި ބައިވެރި ނުވާނެކަމަށް ބުނެފައެވެ.

އަންނަ އެޕްރީލް މަހުގެ ތެރޭގައި މޯދީގެ ކެމްޕެއިން ރަސްމީކޮށް ފެށިގެންދާނެ ކަމަށް ބެލެވޭއިރު މި ފައްޅި ހުޅުވުމާއެކު، ހިންދީންގެ އަގީދާ ހިމާޔަތްކޮށްދޭނެ މީހަކީ މޯދީ ކަމަށް އިންޑިއާގެ ނުފޫޒު ގަދަ ފާދިރީން އިއުލާންކޮށް މޯދީގެ ދިފާއުގައި މި ފާދިރީން ނިކުމެ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރާނެއެވެ.

މުސްލިމުން ތާރީހީ މިސްކިތެއް ކަމުގައިވާ ބާބްރީ މިސްކިތް 1992 ވަނަ އަހަރު ހަރުކަށި ހިންދީން ނުކުމެ ތަޅައި ބިމާ ހަމަކޮށްލިއިރު މިސްކިތް ތަޅާލުމުން އުފެދުނު ހަމަނުޖެހުން ތަކުގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ހިންދޫ ގަބޫލުކުރާ ގޮތުން އެމީހުންގެ 'ރާމް ކަލާނގެ' އުފަންވީ މީގެ 7،000 އަށް ވުރެ ގިނަ އަހަރު ކުރިން އަޔޯދިއާގައެވެ. އަދި ރާމް "އުފަންވި ތަނުގައި" މިސްކިތް އެޅީ 16 ވަނަ ގަރުނުގައި މުސްލިމު ވެރިޔަކު ކަމަށް އެ މީހުން ބުނެއެވެ. އެ މިސްކިތް ހުރި ސަރަހައްދު ހިމާޔަތްކޮށް، އެ ތަން ނޫން އެހެން ތަނެއްގައި ފައްޅި އެޅުމަށް އަމުރުކޮށްދިނުމަށް އެދި މުސްލިމުން އިސްވެ ކޯޓަށް ހުށަހެޅި މައްސަލަތަކުންވެސް މުސްލިމުންނަށް ކުރި ލިިބިފައި ނުވާއިރު، މިއީ އިންޑިއާގައި ޒަމާނުއްސުރެ މުސްލިމުންނާ މެދު ގެންގުޅޭ ތަފާތުކުރުމަށް އިތުރުވި ބޮޅެއްކަމުގައި ގިނަ ބަޔަކު ދެކެއެވެ.

އަޔޯދިއާގައި ފައްޅި އެޅުމުން އެ އަވަށަށް އަޅުކަމަށް ކޮންމެ އަހަރަކު އެތައް މިލިއަން ހިންދީންނެއް ދާނެ ކަމަށް ބެލެވޭތީ އަޔޯދިއާގައި އިތުރު އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާ މަގުތައް ހަދައި އަވަށުގެ ތަރައްގީގެ މަސައްކަތްތަކެއް ކޮށްފައިވާއިރު މިއީ އަނެއްކާވެސް މުސްލިމުންނަށް ކުރިމަތިވެގެން ދާނެ ބޮޑު ގޮންޖެހުމެއްކަމަށް އެ ސަރަހައްދުގައި އުޅޭ މުސްލިމުން ބުނެއެވެ، އަދި މުސްލިމުންގެ ގަދީމީ މިސްކިތެއް ތަޅާލުމަށްފަހު އެޅި ފައްޅިން ރަމްޒުކޮށް ދެނީ ގަތުލުކޮށްލި މުސްލިމުންގެ ލޭކަމުގައި އެމީހުން ދެކެމުން އަންނައިރު މިއީ މުސްލިމުންނަށް ކުރިމަތިވާނެ ބޮޑު އިމްތިހާނެއްގެ ގޮތުގައި އެމީހުން ދެކެއެވެ.

މީގެ 10 އަހަރު ކުރިން އިންޑިއާގެ ބޮޑުވަޒީރުކަމަށް އިންތިހާބު ވި މޯދީ އަންނަނީ އެ ގައުމުގައި ހިންދޫ ދީން ފެތުރުމާ، ހުރިހާ ކަމެއްގައިވެސް ހިންދޫ އިން އިސްކުރުމުގެ ސިޔާސަތެއް ގެންގުޅެމުންނެވެ.