ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށާ އަދި ކައުންސިލްގެ މަސައްކަތްތައް އަތުލުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ރޭ އެކްސްގައި ނަރީޝް ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ މާލެ ކައުންސިލުން ހިންގާ ބައެއް ބޮޑެތި މަޝްރޫއުތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ނިންމި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އިންތިހާބީ މޭޔަރު އާދަމް އާޒިމް ދެއްކެވި ވާހަތަކާ ގުޅިގެންނެވެ.

މި ގޮތުން އާދަމް އާޒިމް ވަނީ ކައުންސިލްގެ މަސައްކަތްތައް 'އަތުލުމަށް' ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށާ އަދި އޭނާ މަގާމާ ހަވާލުވެ ވަޑައިގަންނަވަންދެން ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ގޮވާލައްވާފައެވެ.

އާދަމް އާޒިމްގެ މި ތުހުމަތުތަކާ ގުޅިގެން ނަރީޝް ވިދާޅުވީ ސަރުކާރުގެ އެއްވެސް ވަޒީރަކު އަދި ރައީސް އޮފީހުން ވެސް ކައުންސިލްގެ މަސައްކަތަށް :އަތް ބާނަން އަދި ކައުންސިލްގެ މަސައްކަތް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ' ކަމަށެވެ. "ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ! ކައުންސިލުން ނިންމީ ކައުންސިލް ފްލޯއަށް ހުށެއަޅައި މަޝްވަރާ ކުރެވުނު މައްސަލައެއް ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިޔަތުން އެގޮތަށް ބޭނުންވީމަ!" ނަރީޝް ވިދާޅުވިއެވެ.

ނަރީޝް މިހެން ވިދާޅުވެފައި ވާއިރު އިއްޔެ ބޭއްވި ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ވަނީ ޕާކިން ބިލްޑިން އިމާރާތްކުރުމާއި، މަސް މާރުކޭޓާއި ސަރަހައްދީ މާރުކޭޓު، އެއް އިމާރާތަކަށް ބަދަލުކުރުން ހިމެނޭ 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑެތި ބައެއް މަޝްރޫއުތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމާފައެވެ.