ސްރީލަންކާގެ އަދި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ހިންގަމުންދިޔަ ތަމްރީން ޕްރޮގްރާމްތައް ކޮވިޑާ ގުޅިގެން ހުއްޓިފައިވާތީ، އަލުން އެ ޕްރޮގްރާމްތައް ފެއްޓުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެެވެ.
މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދޭނާއާ އިއްޔެ ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ގޭގައި ބޭއްވުނު އެ ބައްދަލުކުރެއްވުމުގައި އަސްލަމް ވަނީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ދެއްވި ދައުވަތަށް ޝުކުރު އަދާ ކުރައްވައި ޒަމާނުއްސުރެ ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަ ކުރައްވައި ވާހަކަ ދައްކަވާފައެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކައިގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ޒަމާންތަކެއްވީ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ވެރިކަމަށް ބަދަލުއަޔަސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން އަސްލަމް ވަނީ ސްރީލަންކާގެ އެކްޓިން ފޮރިން މިނިސްޓަރު ތަރަކާ ބަލަސޫރިޔާއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ފާއިތުވިތާނގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަ ކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމަށް ވެސް އިތުރަށް ފައިދާވާނެ ގޮތްތަކުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ.