ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި ހައުސިން މިނިސްޓްރީ ގުޅިގެން "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލު ގެނައުމަށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިފިއެވެ.

މި ހިދުމަތް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައި ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޝާން އަބްދުﷲ އެވެ.

ވަންގަވް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭންއަށް ބަދަލު ގެނައުމަށް ހުށަހެޅޭނެ ގޮތް ހަމަޖައްސާފައި ވަނީ ސަރުކާރުގެ 14 ހަފްތާ މަގުޗާޓުގައި ހިމަނާފައިވާ ގޮތަށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުންނެވެ. މި ބަދަލު ގެނެސްފައި ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އަދި ހައުސިން މިނިސްޓްރީ ގުޅިގެންނެވެ.

އެގޮތުން މިއަދުން ފެށިގެން ލޭންޑް ޔޫސް ޕްލޭންއަށް ބަދަލު ގެނައުމަށް "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެއެވެ. "ވަންގަވް" މެދުވެރިކޮށް މި ހިދުމަތަށް އެދި ހުށަހެޅޭނީ ވަންގަވްގެ ވެބްސައިޓް އަށް ޒިޔާރަތްކުރުމަށްފަހު، އީފާސްއިން ލޮގިން ކުރުމުންނެވެ.

މި ހިދުމަތް ހޯދުމުގައި އިތުރު މައުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންވެއްްޖެ ހިނދެއްގައި "ވަންގަވް" ސަޕޯޓް ސެންޓަރުގެ ނަންބަރު 1500 ނުވަތަ މިނިސްޓްރީގެ ނަންބަރު 4004946، 4004950 އަދި 4004947 އާއި ގުޅުއްވުމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.