ފިލައިގެން އުޅޭ ބަންގްލަދޭޝްގެ 2 މީހަކު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަންއިން އިއުލާނުކޮށްފިއެވެ.

އިމިގްރޭޝަންއިން ހޯދަން އިއުލާނުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ 2 ފިރިހެނުންނެވެ.

އެ ދެމީހުންނާ ގުޅޭ މައުލޫމާތެއް އެނގޭ ނަމަ އެ މައުލޫމާތެއް އިމިގްރޭޝަންއަށް ގުޅައިގެން (9199017) ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އިމިގްރޭޝަންއިން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީ އަދި ވިސާ ޗެކް ކުރުމަށްފަހު، އިމިގްރޭޝަންގެ ގާނުނާ ހިލާފުވާ ބިދޭސީންނަށް ފިޔަވަޅު އެޅުމާއި އަދި ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ އެންމެހާ މަސައްކަތް ކުރާނެ ކަމަށް އިމިގްރޭޝަންއިން ބުނެއެވެ.

އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދު ކުރުމާއި މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވާއިދާ އެއްގޮތަށް ބައްޓަން ކުރުން ކަމަށް އިމިގްރޭޝަންއިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެ އޮޕަރޭޝަން ކުރިއަށްދާއިރު އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށް ވެސް އިމިގްރޭޝަންއިން ބުނެއެވެ.