ދިވެހި ސަރުކާރު ބަދަލުކުރަން އިންޑިއާއިން ސިފައިން ފޮނުވަން ހިތްވަރުދީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ މެންބަރު ސުބްރަމާނިއަން ސްވާމީ ވާހަކަ ދައްކައިފިއެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު އިއްޔެ ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައި ވެއެވެ. އަދި މި ސަރުކާރުން އެދޭ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން އަވަސް ކުރަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީއިންވެސް އިއްޔެ ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް ރާއްޖެއަށް ބްލީ ކުރުމުގައި ހައްދުން ނެއްޓޭ ސުބްރަމާނިއަން، ބުނީ ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އިންޑިއާގެ ބޮޑުވަޒީރަށް މާޗް 15 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިންޑިއާ ސިފައިން ނުފައިބައިފިނަމަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށް ބުނެ ސުބްރަމާނިއަން ވަނީ އޮޅުވާލާފައެވެ.
ސުބްރަމާނިއަން ވަނީ ރާއްޖެއިން އިންޑިއާގެ މޫނު މައްޗަށް އުކި ކިސަޑު ސާފު ކުރާނީތޯ ނޫނީ ރަޖީވް ގާންދީ ހެއްދެވި ގޮތަށް ހަނގުރާމަ މަތީ މަތިންދާބޯޓުތަކާއި އިންޑިއާ ކަނޑުގެ ސިފައިންނާއި އިންޑިއާގެ އެއްގަމު ސިފައިން ފޮނުވައިގެން މުއިއްޒުގެ ސަރުކާރު ބަދަލު ކުރާނީތޯ އަހާ ބިރުދައްކާފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ރާއްޖެއިން އިންޑިއާއަށް ދިން މުއްދަތު މާޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެކަން ކުރެވިދާނެ ކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.