ސިއްހީ މައްސަލަތައް ހައްލުކުރަން ތަޖުރިބާކާރުންގެ ލަފާ ހޯދަން ތިން ކޮމިޓީއެއް އެކުލަވާލަން ކެބިނެޓުގައި މަޝްވަރާކޮށްފިއެވެ.

އެކަން ހާމަކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެކަމަކީ މިދިޔަ ހަފްތާގައި ބޭއްވި ސޯޝަލް ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކުރި ކަމެއްގެ ގޮތުގައި އެކައުންސިލްގެ ފަރާތުން ކެބިނެޓާ ހިއްސާކޮށްފައިވާ ކަމެށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާއަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި އެ ދާއިރާ ކުރިއެރުމުގައި، އެ ދާއިރާގައި ހިދުމަތް ކުރައްވާ ގިނަ ތަޖުރިބާ ހުރި ފަރާތްތަކުގެ ލަފަޔާއި އިރުޝާދު މިނިސްޓަރަށް ހޯދެވުމުގައި މިނިސްޓަރަށް ލަފާދޭ ތިން ކޮމިޓީއެއް އެކުލަވާލުމަށް މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން ހެލްތް އެޑްވައިޒަރީ ކޮމިޓީއަކާއި ޕަބްލިކް ހެލްތް އެޑްވައިޒަރީ ކޮމިޓީއެއްގެ އިތުރުން ކިއުރޭޓިވް ހެލްތް ކެއާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން މަޝްވަރާކުރެވުނު ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ސިއްހީ ދާއިރާއަށް ހާއްސަ އަހަމިއްޔަތު ކަމެއް ދެއްވާންކަން ފާހަގަކުރާވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ޕްރޮގްރާމްތަކެއް ހިންގަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.