ޗައިނާއިން ރާއްޖެ އަށް ދީފައިވާ ލޯނުތައް ދެއްކުމަށް އެ ގައުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައިސް މިހެން ވިދާޅުވެފައި ވަނީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިހާރު ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކަކީ ޑައިރެކްޓް ލޯނުތަކެއްކަން ފާހަގަ ކުރައްވާ ރައިސް ވިދާޅުވީ، ޗައިނާއަށް ދައްކަންޖެހޭ ލޯނު ދެއްކުމަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން ދެ ގައުމު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި ވީހާ ވެސް ލުއި ގޮތަކަށް އެ ލޯނުތަކުގެ ކަންތައް ހަމަޖެއްސޭނެ ގޮތްތަކެއް ދިރާސާކޮށް ކަނޑައެޅުމަށްޓަކައި ޗައިނާއިން ހާއްސަ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
"ވަރަށް އަވަހަށް އެ ތަނުގެ [ޗައިނާގެ] ފިނޭންސް މިނިސްޓްރީއާ ފިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ފޮނުއްވަވާނެ. އޭރުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެން އެބަދޭ ލޯނުތައް ދެއްކުމުގަ ވެސް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރާއްޖެއިން ޗައިނާއާއެކުވަނީ 20 އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އޭގެ ތެރޭގައި ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެއް ހިމެނޭއިރު އެއްބަސްވުމުގެ ދަށުން 30،000 ހައުސިން ޔުނިޓް ތަަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
އަދި ހަމައެހެންމެ އެކްޝަން ޕްލޭން އޮން ޗައިނާ މޯލްޑިވްސް ކޯޕަރޭޓިވް ޕާޓްނާޝިޕް އެއްބަސްވުމަކާއި އެކްސްޗޭންޖް އޮން ކޯޕަރޭޝަން އޮން އިކޮނޮމިކް ޑިވޮލަޕްމަންޓް ޕޮލިސީ، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ޑިޖިޓަލް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕް އެއްބަސްވުމެއް ހިމެނެއެވެ.