ހާލިދު މުހައްމަދު އަބޫހަބެލްގެ ހަޔާތުގެ ދުވަސް އާއްމުކޮށް ފެށެނީ ގާޒާގެ ހޮސްޕިޓަލެއްގެ ކްލާސްތަކަށް ތައްޔާރުވެ، އެކުވެރިންނާއެކު ބޭހާއި ސިއްހީ ހިދުމަތާ ބެހޭގޮތުން ވާހަކަ ދެއްކުމުގައެވެ. މައިންބަފައިންނާއެކު މެންދުރުގެ ކެއުމަށް ގެއަށް އައުމާއި، ފުޓުބޯޅަ ތަމްރީނުތަކުގައި ބައިވެރިވުމާއި ރޭގަނޑުގެ ވަގުތުގައި ކިޔެވުމަކީ އޭނާގެ ދުވަސް އާއްމުކޮށް ދާ ގޮތެވެ.
ވަޒީފާ އަދާކުރާ އާއިލާއަކަށް ނިސްބަތްވާ އޭނާ ދިރިއުޅެމުން އައީ އެއްބަނޑު އެއްބަފާ ހަތަރު މީހުންނާއި އޭނާގެ މައިންބަފައިންނާއެކު ކުޑަ ގެއެއްގައެވެ. ހާއްސަކޮށް އިޒްރޭލުގެ ލޮކްޑައުންގެ ސަބަބުން ގާޒާގެ އިގްތިސާދީ ހާލަތަށް ބަލާއިރު، ފައިސާއަކީ އަބަދުވެސް އާއިލާއަށް ދިމާވާ މައްސަލައަކަށް ވީ ނަމަވެސް، އޭނާގެ އަޒުމާއި ޖޯޝާއި ޑޮކްޓަރަކަށް ވުމުގެ ހުވަފެނަށް އާއިލާއިން ތާއީދު ކުރިއެވެ.
"އަހަންނަށް ފުޓްބޯޅައަށް ވުރެ ބޭސްވެރިކަން މުހިންމު. އެ ދެ ކަންތައް ދެކެވެސް ލޯބިވޭ އެކަމަކު ބޭސްވެރިކަމަކީ ޝައްކެއް ވެސް ނެތް ގޮތުގައި މާ ގަދަރުވެރި އަދި މުހިންމު މަސައްކަތެއް." އަބޫ ހަބެލް ބުންޏެވެ.
"ބުރަކޮށް ކިޔެވުމަށް އަހަރެން ވަރަށް އިސްކަންދިނިން. ފަސް ވަރަކަށް ނުވަތަ ހަތް ވަރަކަށް ގަޑިއިރު ބޭސްވެރިކަން ކިޔެވުމުގައި ހޭދަކުރިން. ދެތިން ދުވަހަށް ފުޓްބޯޅައިގެ ތަމްރީނުތައް ކުރިއަށް ގެންދާއިރު، ކޮންމެ ސެޝަނެއް ވެސް ތިން ގަޑިއިރަށް ދެމިގެން ދާނެ. ދުވާލަކު ނިދަން ލިބޭނީ ގާތްގަނޑަކަށް ހަ ގަޑިއިރު. އެކަމަކު އެ ދުވަސްތަކަކީ ވަރަށް އުފާވެރި ދުވަސްތަކެއް."
"އުފާވެރި ދުވަސްތަކެއް" އޮތީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ކުރިންނެވެ. އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، ގާޒާގައި 23،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމާއެކު، ތިން މަސް ދުވަސް ވެގެން ދިޔައިރު، ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުން ވަނީ ފުނޑުފުނޑު ކޮށްލާފައެވެ.
ހަނގުރާމަ ފެށުނު އިރު އޭނާގެ އާއިލާ މަގާޒީން ފިލައިގެން ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިޔަ ނަމަވެސް މިދިޔަ މަހު ވަނީ އެނބުރި އައިސްފައެވެ. ނަމަވެސް މިދިޔަ ހަފުތާގައި އިޒްރޭލުގެ ޓޭންކުތަކުން މަގާޒީ ވަށާލުމުން އޭނާ ފިލައިގެން ދިޔައީ ދީރް އަލް ބަލާއަށެވެ.
އެ ސަރަހައްދުގެ ގިނަ މީހުންނެކޭ އެއްފަދައިން އަބޫހަބެލް ވެސް އަނެއްކާވެސް ފިލަން ޖެހިދާނެއެވެ. މިފަހަރު އިތުރަށް ދެކުނަށް ރަފާހް އާ ދިމާލަށެވެ.
އެއް އިރެއްގައި ފުޓުބޯލައަކީ މުޅި ދިރިއުޅުން
މީގެ 15 އަހަރު ކުރިން އިޒްރޭލުން ހިންގި ނުރައްކާތެރި ވަށާލުމުގެ ދަށުގައި ދިރިއުޅުނު މީހުންނަށް ފުޓުބޯޅައަކީ އެމީހުންގެ މުޅި ދިރިއުޅުމެވެ.
ގާޒާގެ ހަތަރު ފުޓްބޯޅަ ލީގުގައި ގިނަ އަދަދެއްގެ ފުޓްބޯޅަ ކްލަބްތައް ހިމެނުނެވެ. އާންމުގޮތެއްގައި ހަފުތާ ބަންދުގައި މެޗުތައް ބާއްވަނީ ވީހާވެސް ގިނަ ބަޔަކަށް ފަލަސްތީނުގެ އެންމެ މަގުބޫލު ކުޅިވަރުގެ އުފަލުގައި އުޅެވޭނެ ގޮތަށެވެ.
މެޗުތަކުގައި އަޑުގަދަވެ، ސަޕޯޓުކުރުމަށް އާއިލާތައް ޖަމާވެއެވެ. 365 އަކަ ކިލޯމީޓަރު (141 އަކަ މޭލު) ގެ ބިމުގައި ކްލަބްތަކުގެ މެދުގައި އުފެދުނު ވާދަވެރިކަމުގެ ސަބަބުން ސަޕޯޓަރުން ބައިބައިވެ މެޗުތަކަށް އިތުރު ކުރިއެރުމެއް ލިބުނެވެ.
އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. އިޒްރޭލުގެ އަނިވާރި ހަމަލާތައް މިހާރު އަމާޒުވަމުން އަންނަނީ ހަމަ އެ ކުދިންނަށެވެ. މި ހަނގުރާމައިގެ ސަބަބުން މަގުމަތީގައި ފުޓްބޯޅަ ކުޅުން ފަދަ އަސާސީ ހައްގުތަކާއި އާދަކާދަތައް ވަނީ ގެއްލިފައެވެ.
ގޯލް ދަނޑީގެ ގޮތުގައި ދެ ފައިވާން، އަދި ފެންވަރު ދަށް ބޯޅައެއް އޮތަސް ގާޒާގެ ކުދިންނަށް ފުޓްބޯޅައިގައި އުފާވެރިކަން ލިބޭނެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާޒާގައި ޝަހީދުވި މީހުންގެ ތެރެއިން 9،600 އަށް ވުރެ ގިނަ މީހުންނަކީ ކުޑަކުދިން ކަމަށް ވާއިރު، އިޒްރޭލުގެ ހަމަލާތަކުގައި ހަލާކުވި އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި އެތައް ސަތޭކަ ބަޔަކު ވަނީ ވަޅުލެވިފައެވެ.
"ބޯޅައެއްގައި ފައިން ނުޖަހާތާ ތިން މަސް"
އުމުރުން 22 އަހަރުގެ އަބޫ ހަބެލް އަށް ވެސް ގާޒާގެ އެހެން އެތައް ސަތޭކަ އުއްމީދީ ފުޓުބޯޅަ ކުޅުންތެރިންނެކޭ އެއްފަދައިން، ދާނެ އެއްވެސް ތަނެއް ނެތި، ކުޅިވަރުގައި ފަހަތަށް ޖެހެން މަޖުބޫރުވެއްޖެއެވެ.
މީގެ 12 މަސް ކުރިން އަބޫ ހަބެލް އާއި ހާން ޔުނިސްގެ އޭނާގެ ކްލަބް އަލް އަތާ ވަނީ ތިން ވަނަ ދަރަޖައިގެ ޗެމްޕިއަންކަން ހޯދައި ޕްރޮމޯޝަން ހޯދާފައެވެ. އުމުރުން ނުވަ އަހަރުގައި ފުޓްބޯޅަ ކެރިއަރު ފެށި އޭނާގެ ކުޑައިރުގެ ކްލަބް ހަދާމަތު އަލް މަގާޒީއިން ލޯނު އުސޫލުން 2022 ވަނަ އަހަރު އޭނާ މި ކްލަބާ ގުޅުނެވެ.
އޭނާ ކުޅުނު ކޮންމެ ޓީމަކަށް ވެސް ހުނަރުވެރި އަދި މުހިންމު ކުޅުންތެރިއެއް ކަމަށްވާ އަބޫ ހަބެލް ވަނީ އޭނާ ދިޔަ ކޮންމެ ތަނަކުން ވެސް ބަލައިގަނެ، ތައުރީފު އަދި އެވޯޑްތައް ހޯދާފައެވެ.
"މި ސީޒަނުގައި ދަނޑުމަތީގައި މޮޅު ކުޅުމެއް ދެއްކުމަށް ފުރިހަމައަށް ތައްޔާރަށް ހުރި ނަމަވެސް އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވެއްޖެ. މިހާރު ތިން މަސް ދުވަސް ވެއްޖެ އަހަރެން ބޯޅައެއްގައި ފައިން ނުޖަހާތާ."
އޭގެ ބަދަލުގައި ފާއިތުވި ތިން މަސް ދުވަސް ހޭދަކޮށްފައި ވަނީ ޑެއިރް އަލް ބާލާގައި ހުންނަ އަލް އަގްސާ ޝަހީދުސް ހޮސްޕިޓަލުގައި އިމަޖެންސީ ޑޮކްޓަރެއްގެ ގޮތުގައި ވޮލަންޓިއާކޮށް، ހަފުތާއަކު 72 ގަޑިއިރަށް ވުރެ ގިނައިރު، ބައެއް ފަހަރު އެއަށްވުރެ ވެސް ގިނަ އިރު މަސައްކަތް ކުރުމަށެވެ.
"ރައްޔިތުންނަށް އޮތް ލޯތްބާއި ބޭސްވެރިކަމަށް އޮތް ޝައުގުވެރިކަމާއި ޑޮކްޓަރެއްގެ ހައިސިއްޔަތުން އުނގެނި ކުރިއެރުމަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ހިތްވަރު ދިން ކަމެއް. ފަލަސްތީނުގެ ރައްޔިތުންނަށް މިވަގުތު އަހަރެން ވަރަށް މުހިންމު. އެމީހުންނަށްޓަކައި އަހަރެން ހިދުމަތް ކޮށްދޭން ޖެހޭނެ."
އޭނާ މެޑިސިން ކިޔަވަން ފެށީ 2019 ވަނަ އަހަރު ގާޒާގެ އަލް އަޒްހަރު ޔުނިވާސިޓީންނެވެ. މިހާރު އެ ޔުނިވާސިޓީ ވަނީ މުޅިން ފުނޑުފުނޑު ކޮށްލާފައެވެ.
އަބޫހަބެލް ބުނީ ޔުނިވާސިޓީ ފީ ދެއްކުމަށް އެތައް އަހަރެއް ވަންދެން ނަގާފައިވާ ލޯނުތަކުގެ ދަރަނީގެ ދަށުގައި އޭނާ ވަޅުލެވިފައިވާ ކަމަށެވެ.
"އަހަރެން އުންމީދު ކުރަން ވަރަށް އަވަހަށް އެ ހުރިހާ ފައިސާއެއް ދެއްކޭނެ ކަމަށް… އަހަރެން ސަލާމަތުން ހުރިއްޔާ."
ހޮސްޕިޓަލުގައި ޖެހިޖެހިގެން ދުވަސްތައް ހޭދަކުރުމަށްފަހު، އޭނާގެ އަވަށުގެ އާއިލާތަކަށް އޭނާގެ ބޭސްފަރުވާގެ ހުނަރާއި، އެނޫންވެސް ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ މަސައްކަތްކުރެއެވެ.
"ވަރަށް ވަރުބަލިވޭ. ހަގީގަތުގައި ވެސް އަރާމުކުރާނެ ވަގުތެއް ނުލިބެ. ދުވާލެއްގެ މައްޗަށް ލިބޭ ކޭސްތަކުގެ އަދަދަކީ ގަބޫލުނުކުރެވޭ ވަރުގެ ކޭސްތަކެއް ނަމަވެސް އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ. ހަނގުރާމައިގެ ޒަހަމްތަކުން ފެށިގެން ކާބޯތަކެއްޗާއި ފެން ނުލިބުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ތަފާތު."
"ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލުން ފެންނަ މަންޒަރުތަކަކީ ހަގީގަތުގައި ވެސް ހިތްދަތި މަންޒަރުތަކެއް. އެންމެ ގިނައީ ހަށިގަނޑުގެ ކޮންމެވެސް ހިސާބަކުން ލޭ އަންނަ ކުދިން. ކޮންމެ ދުވަހަކު ވެސް ހާލަތު ގޯސްވޭ."
އިޒްރޭލުގެ ވައިގެ، ކަނޑު އަދި އެއްގަމު ހަމަލާތަކަށް ނިމުމެއް ނާންނަ އިރުވެސް ހާލިދުގެ އުއްމީދަކީ އުޖާލާ މުސްތަގުބަލެއް ގެނައުމަށާއި ފުޓުބޯޅަ ކުޅުމުގައި ކުރިއަށް ދިއުމެވެ.
"އަހަރެން އަމިއްލަ ނަފްސަށް ވައުދުވީ ދުވަހުން ދުވަހަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް. ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި، ވަކިން ހާއްސަކޮށް އޮކިއުޕޭޝަން."
ޕެޕް ގާޑިއޯލާ ސަޕޯޓް ކުރަން ހިތްވަރު ދިން ދެ ކްލަބް ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ބާސެލޯނާ ދެކެ އަބޫހަބެލް ވަރަށް ލޯބިވެއެވެ. އޭނާގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން އެއިން ކްލަބަކަށް ފުޓުބޯޅަ ކުޅުމެވެ.
"އޭގެ ކުރިން އަހަރެން އުންމީދު ކުރަނީ މި ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް."