އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް އަމާޒުކޮށް 3 ޑެޕިއުޓީ މިނިސްޓަރަކު ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ކުޑައިމީސްކުރި މައްސަލައާ ގުޅިގެން ސުވާލުކުރެއްވުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުން މަޖިލީހަށް ހާޒިރު ކުރަން އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މޫސާ ޒަމީރުއާ ސުވާލު ކުރެއްވުމަށް މަޖިލީހަށް ހާޒިރުކުރަން އެދިވަޑައިގެންފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.
މީކާއީލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދި ދެގައުމުގެ ދޭދޭ ގުޅުމަށް މީގެ ކުރިން ނާންނަފަދަ ހީނަރު ކަމެއް އައިސްފައިވާ ކަމަށެވެ. މިއީ ހައްސާސް މައްސަލައެއްކަން ފާހަގަ ކުރައްވާ މީކާއީލް ވިދާޅުވީ ފާއިތުވި 48 ގަޑިއިރު ތެރޭވެސް އިންޑިއާގެ ވަރަށް ގިނަ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ރާއްޖެ އައުމަށް ހަދާފައިވާ ބުކިންގްތައް ކެންސަލް ކުރަމުންދާ ކަމަށެވެ.
އަދި ހަމައެހެންމެ ރާއްޖެއަކީ ބޭސްފަރުވާ އާއި އެހެނިހެންވެސް އެތައް ބޭނުމަކަށް އިންޑިއާއަށް ބަރޯސާވާ ގައުމެއްގެ އިތުރުން ޒަމާނުއްސުރެ އެންމެ ގާތް ގުޅުމެއް އޮންނަ އިންޑިއާ ގުޅުން ކަނޑާލަން ޖެހޭ ހާލަތަކަށް ގައުމު ހިނގައިދާނެ ކަމުގެ ބިރު އޮތް ނަމަވެސް ސަރުކާރުގެ ފަރާތުން އެކަމާ އެކަށޭނެ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް މީކާއީލް ވަނީ ވިދާޅުވެފައެވެ.
"ވީ އެންމެ އަވަހަކަށް ރައްޔިތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިކަމުގައި ޝާމިލްވާ ޑެޕިއުޓީ މިނިސްޓަރުންނާއި ސަރުކާރުގރ ކަމާބެހޭ އެންމެހާ ފަރާތްތައް ހާޒިރުކޮށް ސަރުކާރުން މިކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެކަން ކަށަވަރުކޮށްދިނުން އެދެމޭ" މީކާއީލް މަޖިލީހުގެ ރައީސް އަސްލަމް އަށް ފޮނުއްވި ސިޓީގައި ވެއެވެ.
ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމަށް ނިސްބަތްކޮށް 'ބޭއަދަބީ ބަހުން' ވާހަކަދެއްކި މައްސަލަވަނީ ހޫނުވެފައެވެ. މިކަމާ ގުޅިގެން ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެދާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ސަރުކާރުގެ މަގާމެއްގައި ތިއްބެވި ބޭފުޅުންގެ މި އަމަލު ކުށްވެރިކޮށް، އެ ބޭފުޅުން މަގާމުން ދުރުކުރުމަށް ގޮވާލަމުން އަންނައިރު، މި މައްސަލައާ ގުޅިގެން ތިބް ޑެޕިއުޓީ މިނިސްޓަރުން ވަނީ ސަސްޕެންޑް ކުރި ނަމަވެސް އިތުރު މާ ބޮޑު ފިޔަވަޅެއް އަޅާފައި ނުވެއެވެ.
ތަމެން ތިބެގަ ބަލަން