ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުންނެވި ދުވަސްވަރު، 2002 ގައި ހިނގި ދީނީ ހަމަނުޖެހުމެއްގެ ތެރެއިން މުސްލިމް އަންހެނެއް ގޭންގް ރޭޕް ކުރި 11 މީހަކު ދޫކޮށްލުން ގޯސް ކަމަށާއި އަނބުރާ ޖަލަށްލާން ސްޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.
އުމުރުން މިހާރު 40 ގެ އަހަރުތައް ގުނަމުން ދާ ބަލްގިސް ބާނޯ ރޭޕް ކޮށްލީ ހިންދޫންގެ 11 މީހަކު ވެގެން އޭނާގެ ބަނޑަށް 5 މަހުގައެވެ. އޭނާގެ އާއިލާގެ 7 މީހަކުވެސް މަރާލި ހާދިސާ އަކީ އިންޑިއާގެ މުޅި ތާރީހުގައި ހިންގި ދީނީ އެންމެ ބޮޑު އެއް ލޭ އޮހޮރުވުމެވެ.
އެ ހާދިސާގައި 2000 މީހަކު މަރުވި އިރު ގިނައީ މުސްލިމުންނެވެ. އޭގެ ތެރޭގައި ބާނޯގެ 3 އަަހަރުގެ އަންހެން ދަރިފުޅުވެސް ހިމެނެއެވެ. ރިޕޯޓުތަކުން ބުނާގޮތުން އެ ކުއްޖާ މަރާލީ ގަލަކުން ޖަހާ އޭނާގެ ބޯ ޗިސްކޮށްލައިގެންނެވެ.
އޭރުވެސް ގުޖުތާރަކީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބަހާރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ މެޖޯރިޓީ އޮންނަ ސްޓޭޓެކެވެ. މިހާރުވެސް އެ ސްްޓޭޓުގެ މެޖޯރިޓީ ބީޖޭޕީއަށް އޮންނަ އިރު އޭރު ހިނގި އެ ގަތުލު އާންމަކީ މޯދީއަށް ވެސް އެނގިވަޑައިގަންނަވާ ގަތުލުއާންމެއް ކަމަށް ބީބީސީން ކުރި ތަހުގީގު ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.
ބާނޯގެ ރޭޕް ކުރި 11 މީހުން އުމުރަށް ޖަލަށްލައިފައި ވަނިކޮށް ގުޖުރާތު ސަރުކާރުން އެ މީހުން ދޫކޮށްލީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އެމީހުން ދޫކޮށްލުމާއެކު އިންޑިއާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ވެސް ކޮށްފައި ވާ އިރު ގުޖުރާތު ސަރުކާރުން ބުނެފައި ވަނީ އެމީހުން ދޫކޮށްލީ ޖަލުގައި އެމީހުން ހޭދަކުރި މުއްދަތުގައި އަހުލާގު ރަނގަޅު ކަމުން ކަމަށެވެ. އެމީހުން ދޫކޮށްލުމުން އާއިލާތަކުން އެމީހުންނަށް މަރުހަބާ ކިޔައި ކޭކް ފަޅައި މާފަތި އަޅުވައި ހަދާފައި ވެއެވެ.
މި މައްސަލަ ބާނޯގެ ފަރާތުން އިންޑިއާގެ އެންމެ މަތީ ކޯޓު، ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ހިންގި ޝަރީއަތުގައި މިއަދު ހުކުމް ކޮށްފައި ވާ އިރު ހުކުމުގައި ބުނެފައި ވަނީ، އެ 11 މީހުން ދޫކޮށްލުމުގެ އިހުތިސޯސް ގުޖުރާތަށް ނެތް ކަމަށާއި އެ 11 މީހުންގެ އިހުތިސޯސް އޮތީ ބޮމްބޭ ކޯޓަށް ކަމަށެވެ. އެހެން ކަމުން 11 މީހުން ދޫކޮށްލުން ގޯސް ކަމަށް ކަނޑައަޅައި ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި 11 މީހުން އަނބުރާ ޖަލަށް ގެންދިޔުމަށް ވަނީ އަމުރު ކޮށްފައެވެ.
މި ހުކުމާ ގުޅިގެން ގުޖުރާތު ސަރުކާރުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.