އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް ހާޒިރުކޮށްފިއެވެ.

ނިއު ދިއްލީގައި ހުންނަވާ ސަފީރު، އިބްރާހިމް ޝަހީބު އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު 9 ޖަހާއިރު ކަމަށް ވާއިރު ޝަހީބު ހާޒިރުވެވަޑައިގެންވިކަން އެނގޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ދިވެހި ސަފީރު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް ހާޒިރުވުމަށް އަންގާފައިވާކަން ދިވެހި ސަރުކާރުންވެސް ވަނީ ޔަގީންކޮށް ދީފައެވެ.

ޝަހީބު ހާޒިރުކޮށްފައިވަނީ ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމަށް ނިސްބަތްކޮށް 'ބޭއަދަބީ ބަހުން' ވާހަކަދެއްކި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅިގެން އެ ފޮރިން މިނިސްޓްރީއިން ބަޔާނެއް ނެރެފައިވާއިރު އެ ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ ސަސްޕެންޑްވެސްކޮށްފައެވެ.

ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި ކުރުން ކުށްވެރިކޮށްފައިވާއިރު އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް ވަނީ ބުނެފައެވެ.