ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މޮންޓަނޭގްރޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ޖުމްލަ 589،736.65 ރުފިޔާ ހަރަދުވީ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި ދަތުރު ހަރަދުގެ ތަފުސީލުގައި ވާގޮތުން ބިޒްނަސް ކްލާސްއިން ފަސް ބޭފުޅެއްގެ ޓިކަޓަށް ޖުމްލަ 492،746.10 ރުފިޔާ ހަރަދުވެފައިވެއެވެ. މީގެ އިތުރުން

- 5 ބޭފުޅުންގެ ޕޮކެޓުމަނީ - 64،638 ރުފިޔާ

- 5 ބޭފުޅުންގެ ފަރިއްކޮޅު (މޮންޓަނޭގްރޯ) - 23،823.72 ރުފިޔާ

- 5 ބޭފުޅުންގެ ފަރިއްކޮޅު (އިސްތަންބޫލު) - 7895.07 ރުފިޔާ

- ވިސާ ހަރަދު - 633.76 ރުފިޔާ

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 23 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ނައިބު ރައީސް މޮންޓަނޭގްރޯއަށް ވަޑައިގެންނެވީ، އެ ގައުމުގެ ޑަންލޮވް-ގްރަޑްގައި ބޭއްވި މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މި ކޮންގްރެސްގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ވަނީ ޑެޕިއުޓީ ޕްރައިމް މިނިސްޓަ ފޮ ސެކިއުރިޓީ، އިންޓަނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްގެ ދައުވަތަކަށް ވާހަކަފުޅުދައްކަވާފައެވެ. މި ގޮތުން ނައިބު ރައީސް ވަނީ ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ގައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ގޮވާލައްވާފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަ-އެޓް-ލާޖް މުހައްމަދު ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.