ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ މަތިން ހައްޖާއި އުމްރާވެރިންގެ ހިދުމަތްތައް ރަނގަޅުކުރަން މަސްވަރާކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ ހައްޖު ކޮންފަރެންސްއަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަސްތީގަތުމެއްގައެވެ.
ޝަހީމް ވިދާޅުވީ ހައްޖު ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ސައުދީއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ.ތައުފީގު ބިން ފައުޒާން އަލްރަބިއްޔާގެ ދައުވަތަކަށް ކަމަށެވެ.
އެ ދަތުރުގައި ހައްޖާއި އުމްރާގެ ހިދުމަތާ ގުޅޭ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީއާއި ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީއާ ދެމެދުގައި ސޮއިކުރެވިގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އިސްލާމީ ބަައެއް މުވައްސަސާތަކާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޝަހީމް ވިދާޅުވީ އޭގެ ތެރޭގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި އޯއައިސީގެ ދަށުން ހިނގާއިންޓަނޭޝަނަލް އިސްލާމިކް ފިގްހް އެކަޑަމީއާއި އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކާއި އިސްލާމިކް ސޮލިޑަރިޓީ ފަންޑު ހިމެނޭ ކަމަށެވެ. އަދި އެ ކޮންފަރެންސްގައި ބައިވެރިވުމަށް އިސްލާމީ ގައުމުތަކުން ވަޑައިގަންނަވާ އިސްލާމީ އެކި އެކި މުވައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވާ ގޮތަށްވެސް އިންތިޒާމުކުރެވިފައިވާ ކަމަށް ޝަހީމް ވިދާޅުވިއވެެ.
ޝަހީމް ވިދާޅުވީ ރާއްޖޭ އިސްލާމިކް މިނިސްޓްރީގެ ދާއިރާތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން އެ މުވައްސަސާތަކާއި އިސްލާމީ ގައުމުތަކުގެ އިސްލާމީ މުވައްސަސާތަކުގެ ވެރިންނާ މަޝްވަރާކުރައްވާނެ ކަމަށާއި ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ލިބޭ ހިދުމަތް މިހާރަށް ވުރެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރެއްވުމަށް ރައީސް ޑރ. އިރުޝާދުދެއްވާފައިވާ ކަމަށެވެ.
ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސައުދީގެ ކަމާބެހޭ އިދާރާތަކާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.