ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ ފަރާތަތްކަށް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ތިލަފުށިން ބިން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ހުސްވެފައިވާ މާލެ ސިޓީ މޭޔަރުގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް މިއަދު ވިލިމާލެއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ މިއޮއްހާ ދުވަހު ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ވިލިމާލޭގައި އަޅާފައި އޮތް ތެޔޮ ބޯޓުތައް ނުނެގިފައިވާ ކަމަށާއި އެހެންނަމަވެސް މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށެވެ.
ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ އާއިލާތަކެއް އުޅޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެއް ކައިރީގައި އެކަން ކުރިއަސް ސިއްހަތަށް ނުރައްކާވާ ކަމަށާއި އެހެންކަމުން އެ މަސައްކަތް ކުރުމަށް ތިލަފުށިން އެކަމަށް ހާއްސަ ޖާގައެއް ކަނޑައަޅާ، އެކަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި ގިނަ ވެގެން 6 މަސް ތެރޭގައި ތަރުތީބުވެގެން ހުރިހާ ފަރާތްތަކަށް ޖާގަ ލިބޭ ގޮތަށް ވަރަށް ރަނގަޅު އުސޫލެއްގެ ތެރެއިން ވިލިމާލޭގެ ފައިބަރުގެ މަސައްކަތް އެއްކޮށް ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު މޭޔަރު ކަމުގައި ހުންނަވައިގެން ވިލިމާލެއަށް ކުރަން ބޭނުންވި ގިން ކަންތައްތައް ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ނުކުރެވުނު ކަމަށެވެ. އެގޮތުން ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ޕްލޭނިން ގަވާއިދު ބަދަލުކުރަން މަސައްކަތް ކުރެއްވި ނަމަވެސް އެކަން ވެސް ނުވެ އޮތް ކަމަށާއި އެހެންނަމަވެސް މިހާރު ޕްލޭނިން މިނިސްޓްރީއާ ހިސާބުގައި އެކަން ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް މުއިއްޒު ވަނީ ވިފާލުވެފައެވެ.
މުއިއްޒު ވިދާޅުވީ އެކަން ހައްލުކޮށްދެއްވާނެ ކަމަށާއި ރައްޔިތުން ބޭނުންވަނީ ގެދޮރު އިމާރާތްކުރުމުގައި 10 ބުރިއާ ހަމައަށް ވިލިލިމާލޭގައި ގެދޮރު އިމާރާތްކުރުމަށް ކަމަށާއި އެކަމަށްޓަކައި ސަރުކާރުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ވިލިމާލޭގައި 100 އެނދުނުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށާއި ޓާޝަރީ ހޮސްޕިޓަލެއްގައި ހުންނަ ހުރިހާ ކަމެއް އެ ހޮސްޕިޓަލުގައި ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގެދޮރުގެ ދަތިކަމަކީ އެންމެ ބޮޑަށް ދަތިވެފައިވާ ކަންތައް ކަމަށާއި މިތާ މާ ދުރުނޫން ހިސާބެއްގައި އޮތް ބައެއް ބިންތައް އެކަން ކުރާ ގޮތަށް އޮތް ނަަމަވެސް އެކަންވެސް އޭރު ނުކުރެވުނީ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ. އެހެންނަމަވެސް ސަރުކާރުންދޭން ޖެހޭ ހުއްދައެއްނަމަ މިހާރު އޮންނާނީ ދީފައި ކަމަށާއި މިކަހަލަ ހުރިހާ ކަމެއް ގުޅިފައި އޮތީ ކައުންސިލާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެކަން ކުރަން ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ ހުރިހާ ކަމެއް ތަރުތީބުވެ، ސަރުކާރުގެ ހުރިހާ އެއްބާރުލުމެއް ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމަކަށް ލިބޭ ހިސާބުގައި އޮއްވާ ސަރުކާރު ފިކުރު ނޫން މޭޔަރަކު ހޮވައިފިނަމަ މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުންވިޔަސް އެ މޭޔަރަކު ނިސްބަތްވާ ޕާޓީއިން ކަންތައްތައް ކުރާނެ ގޮތެއް ނޭނގޭނެ ކަމަށެވެ. އެކަން މިހާރުވެސް މަޖިލިސް ތެރޭގައި ފެންނަމުންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މުއިއްޒު ވަނީ އެ "ރިސްކު" ނުނެންގެވުމަށް އެދިވަޑައިގެންފައެވެ.