މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރަކު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓީ އިއުލާންކުރަން ރޭ ބޭއްވި ހަފްލާގައި ޕީއެންސީއަށް ސޮއިކުރައްވާފައިވަނީ ގަލޮޅު މެދުދާއިރާގެ ކައުންސިލް މެންބަރު މަރިޔަމް ރީހާން ނާޒިމާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލް މެންބަރު އާއިޝަތު ނިޒްލީ ރަޝީދުއެވެ.

ރޭގެ ހަފްލާގައި ރީހާންއާއި ނިޒްލީގެ ފޯމާހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ނިޒްލީ އާއި ރިހާންވެސް އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައި ކަމަށްވި ނަމަވެސް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ރީހާން ގުޅިވަޑައިގެންނެވިއެވެ.

މި މެންބަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވުމާއެކު ދެން މާލެ ސިޓީ ކައުންސިލްގައި އިދިކޮޅު، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިންނަވާނީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަރީޝްއެވެ.

މި އަންނަ ހޮނިހިރު ދުވަހު ބާއްވާ ބައި އިލެކްޝަނުގައި މޭޔަރުގެ އިތުރުން ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރެއްވުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމުގެ ބައި އިލެކްޝަންވެސް ކުރިއަށްދާނެއެވެ. އެގޮތުން މާމާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ނާސިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ގޮނޑިވެސް ވަނީ ހުސްވެފައެވެ.