ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ކަންކަން ބެލެހެއްޓުމަށް، ސަލާމަތީ ހިދުމަތްތަކުން ބޭނުންކުރަން ރާއްޖެއަށް އެތެރެކުރާ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް އިމްޕޯޓު ޑިއުޓީ މާފުކުރުމުގެ އުސޫލު އިސްލާހުކޮށްފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ އެކްސްޕޯޓު އިމްޕޯޓު ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ޑިއުޓީ މާފުކުރުމާ ގުޅޭ އުސޫލުގައިވާ ގޮތުން، ހަތިޔާރާއި ވަޒަން އަދި އެ އެއްޗެހީގެ ބައިތަކުގެ އިތުރުން އެ އެއްޗެއްސާ ގުޅޭ ބައިތަކުން އަދިވެސް 35 ޕަސެންޓުގައި ޑިއުޓީ ނަގާނެއެވެ. އަދި އެ ނޫން ބާވަތްތަކުން ޑިއުޓީ މާފުކުރުމުގެ އިހްތިޔާރު ރައީސް އަށް ލިބިގެންވެއެވެ.

މީގެ އިތުރުން އެ އުސޫލަށް ދެން ގެނެސްފައިވާ އިސްލާހަކީ އިގުތިސޯދީ ގޮތުން ބޭނުންތެރި މަސައްކަތަށް ގެނެވޭ ތަކެތީގެ ޑިއުޓީ މާފުކުރެވޭ މުއްދަތަށް ގެނައި ބަދަލެވެ. މީގެ ކުރިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން އަލަށް ފަށާ އިގުތިސޯދީ މަސައްކަތެއް ނަމަ، އެ މަސައްކަތަށް ގެނެވޭ ތަކެެއްޗަށް އިންވެސްޓްމަންޓް ގާއިމްކުރެވެންދެން ނުވަތަ ގިނަވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ޑިއުޓީ މާފުކުރެެވޭނެއެވެ.

އާ އުސޫލުގައި ވަނީ ތިން އަހަރުގެ މުއްދަތުގެ ބައި ކަނޑާލައި، ހަމައެކަނި އިންވެސްޓްމަންޓް ގާއިމްކުރެވެންދެން ޑިއުޓީ މާފުކުރެވޭ ގޮތަށް ބަދަލުގެނެސްފައެވެ.