ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, އިންޑިއާ އަށް ވަޑައިނުގެން ޗައިނާ އަށް ވަޑައިގަންނަވާތީ, ރާއްޖެއިން ކަން ކުރާނެ ގޮތާއި, ދާނެ ތަނަކާ އެނގޭނީ ރާއްޖެއަށް ކަމަށް އިންޑިއާ އިން ބުނެފިއެވެ.
އިންޑިއާ އަށް ވަޑައިނުގެން ޗައިނާ އަށް ވަޑައިގަންނަވާތީ, އެކަމާ ނިއުދިއްލީން ދެކޭގޮތް ސާފުކުރަން ގިނަ ނޫސްވެރިން ސުވާލު ކުރާތީ, ވާހަކަ ދައްކަވަމުން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ރަންދީރު ޖައިޝްވާލް ވިދާޅުވީ, އެއީ ދިއްލީއާ ބެހޭ ކަމެއް ނޫން ކަމަށެވެ.
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ބޮޑަށް އަޑުއަރައިގެން ދިޔަ އިންޑިއާ ސިފައިންގެ މައްސަލައިގައި ވެސް ޖައިޝްވާލް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ, އިންޑިއާ ސިފައިން ފޮނުވާލާ މައްސަލައިގައި އާވާހަކައެއް ނެތް ކަމަށެވެ. އިތުރު ތަފްސީލެއް ދެއްވާފައި ނުވާ އިރު, ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ހިނގަމުން ދާ ސަރުކާރުގެ މުހިންމު ސިޔާސަތަކަށް ވާއިރު, ރާއްޖޭގައި ތިބި 89 ސިފައިން ފޮނުވާލުމާ ގުޅޭގޮތުން މަތީފެންވަރުގައި މަޝްވަރާތައް ކޮށްފައި ވެއެވެ. އަދި ސިފައިން އަނބުރާ ގެންދިޔުމަށް ރާއްޖެއިން ވަނީ އިންޑިއާގައި ރަސްމީކޮށް އެދިފައެވެ.
އައިއެމްއެފްގެ ހިސާބުތައް ދައްކާގޮތުން ޗައިނާ އަކީ, ރާއްޖެ އެންމެ ބޮޑަށް ދަރާފައި އޮތް ގައުމެވެ. އެގައުމަށް ދައްކަން ޖެހޭ 1.3 ބިލިއަން އެމެރިކާ ޑޮލަރު އެބަ އޮތެވެ.
"ހީވަނީ އިންޑިއާ އާ އެހާ ގާތްކަން ބާއްވަން މުއިއްޒު ބޭނުންފުޅު ނުވާހެން, ކަންކަން ކުރައްވާ ގޮތުން ހީވަނީ ޗައިނާ އާ ގާތްކަން އުފައްދަވާ އިންޑިއާ އާ ދުރުވާން އުޅުއްވާހެން, އެއީ އިންޑިއާ އިން ކަންބޮޑުވާ ކަމެއް" މެރިޓައިމް ޕޮލިސީ އިނީޝިއޭޓިވް ގެ ވެރިޔާ އަބީޖީތް ސިންގް
ރާއްޖޭގެ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އެންމެ އިސްކަމެއް ދެއްވައިގެން އާ ރައީސް ފުރަތަމަ ވަޑައިގަންނަވާ ގައުމަކީ އިންޑިއާ ނަމަވެސް, ޑރ. މުއިއްޒު އެންމެ ފުރަތަމަވެސް ވަޑައިގަތީ މެދުއިރުމައްޗަށެވެ. ތުރުކީ އާއި ޔޫއޭއީއަށް ވަޑައިގަތުމަށް ފަހު ޗައިނާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އާދީއްތަ ދުވަހު މުއިއްޒު ފުރާވަޑައިގަންނަވާނެއެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުން ދުރުވަމުން ދިޔަ ނަމަވެސް ސިޔާސީ ގުޅުމާއި އެކިއެކި ދާއިރާތަކުން ގުޅުން ދަމަހައްޓާނެ ކަމަށް މުރާސިލުން ބުނެއެވެ.
އިންޑިއާ ކަނޑުގައި ރާއްޖޭގެ މަގާމަކީ މުހިންމު މަގާމެއް ކަމަށް ވާއިރު އިއްޔެ ވަނީ އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ރާއްޖޭގެ ހާރިޖީ ވަޒީރަށް ގުޅުއްވާ ދެގައުމުގެ ދެމެދުގައި އޮތް ގާތްކަމާއި އެކުވެރިކަން ދަމަހައްޓަވާނެކަމަށް ވިދާޅުވެފައެވެ. އަދި އިންޑޯ ޕެސިފިކްގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމުވެފައި އޮތުމުގައި ރާއްޖެ އަކީ މުހިންމު ބައިވެރިއެއް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ޑރ. މުއިއްޒު ޗައިނާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ހަފްތާއެއްހާ ދުވަސް ހޭދަކުރައްވާނެއެވެ. އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.