ހައްޖު އަދި އުމްރާއާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް އިސްލާކިމް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް މިއަދު ފުރާ ވަޑައިގެންފިއެވެ.

ޝަހީމް ވިދާޅުވީ ސައުދީއަށް ކުރައްވާ މި ދަތުރަކީ ހައްޖު މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއާއި ދެމެދު ހައްޖު އަދި އުމްރާއާ ބެހޭ އެއްބަސްވުން "ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓް"ގައި ސޮއިކުރެއްވުމަށް ސައުދީއަށް ކުރައްވާ މި ދަތުރުގައި ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ޝަހީމް ބައިވެރިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ދިވެހި ހައްޖުވެރިންނާއި އުމްރާ ވެރިންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާތީ އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް އިތުރަށް ވިދާޅުވީ މިދަތުރުގައި އިސްލާމީ ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ ބައެއް ގައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކޮށް އިސްލާމިކް މިނިސްޓްރީގެ ދާއިރާގެ ކަންކަމުގައި އެފަރާތްތަކުގެ ފަންނީ އަދި މާލީ އެއްބާރުލުންހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ 1،000 ހައްޖު ކޯޓާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދޭން މި ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތަށް ނިންމާފައިވަނީ ވަރަށް ގިނަ ޖަމާއަތްތަކުން މީހުން އަތުން ފައިސާނެގުމަށްފަހު ހައްޖަށް ނުދެވުމުގެ މައްސަލަތަކުގެ އިތުރުން ބިޑް އުސޫލުން ކޯޓާ ނެގުމަށްފަހު، ކޯޓާ ބޮޑު އަގުގައި ވިއްކާ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.