އިންޑިއާގެ އަންދަރަ ޕްރަދޭޝްގެ ވިސާކަޕަތްނަމް ގައި ގެއެއްގައި އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު 12 މީހަކުވެގެން ރޭޕް ކޮށްލައިފިއެވެ.
މިހާދިސާ ހިނގާފައި ވާ ގޮތް ކަމަށް ފުލުހުންނާ ހަވާލާދީ ހަބަރުތަކުން ބުނެފައި ވަނީ, އަންހެން ކުއްޖާގެ އުފަން ދުވަސް ފާހަގަ ކުރުމަށް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން މީހާ އާއި އޭނާގެ ރައްޓެއްސެއް އަންހެން ކުއްޖާ ގޮވައިގެން ދިޔަ ކަމަށާއި އެއަށް ފަހު އެ ދެމީހުން ވެގެން އޭނާ ރޭޕް ކޮށްލީ ކަމަށެވެ.
އެ ހިތާމައިގައި އަންހެން ކުއްޖާ އެ ސިޓީގެ އާރް ކޭ ބީޗަށް ގޮސް ވެއްޓިފައި އޮއްވާ އެތަނަށް ދިޔަ ފޮޓޯގްރާފަރުންތަކެއް އެކުއްޖާ ނަގައިގަނެގެން ގެންދިޔައީ ކަމަށާއި އެ ގެންދިޔަ މީހުން ދެތިން ދުވަހެއް ވާންދެން އެ ކުއްޖާ ރޭޕް ކުރި ކަމަށެވެ.
އެކަމުގައި ޝާމިލުވާ މީހުންގެ ތެރެއިން 11 މީހަކު ފުލުހުން މިހާރު ހައްޔަރު ކޮށްފައި ވާ އިރު, ހޯދަމުން ދާ އިތުރު 2 މީހަކު އަދި ނުފެނި ވާކަމަށް ވެސް ފުލުހުންނާ ހަވާލާދީ ހަބަރުތައް ބުނެއެވެ.
ފުލުހުން ބުނީ އެ ކުއްޖާ އަކީ އޮޑިއްސާ އަށް ނިސްބަތްވާ ކުއްޖެއް ކަމަށާއި އަންދްރަ ޕަރްދޭޝް އަށް އޭނާ އައީ މީގެ 9 މަސް ކުރިން ކަމަށެވެ. އެ ކުއްޖާ ގެއްލިގެން ހުސްވި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެ ކުއްޖާގެ ބައްޕަ ފުލުހަށް ރިޕޯޓު ކުރުމުން ފުލުހުން އެކުއްޖާ ހޯދަމުން ދަނިކޮށް ފެނުނީ ޑިސެމްބަރު 23 ވަނަ ދުވަހު ކަމަށް ބުނެއެވެ.
ނަފްސާނީ ގޮތުން އުނދަގޫ ހާލަތެއްގައި ހުރި އެކުއްޖާ އާ ހަވާލާދީ ފުލުހުން ބުނީ, އޭނާ މިހާރު ފުލުހުންނަށް ބަޔާން ދީފައި ވާ ކަމަށާއި, އޭނާގެ ވާހަކައިން އެނގޭ ގޮތުގައި, އެކި ދުވަސް މަތިން އެކި އެކި ލޮޖް ]ކުއްޔަށް ދޭ ގެސްޓްހައުސް ފަދަ ތަންތަން[ އަށް އޭނާ ގެންގޮސް 12 މީހަކު އޭނާ ރޭޕް ކުރި ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ, އެކުއްޖާ ފެނުނު ދުވަހު, ޑިސެމްބަރު 23 ގައި އެކުއްޖާ އިނީ އޮޑިއްސާގެ ޕޮލިސް ޕޯސްޓެއްގެ ކައިރީގައި ކަމަށާއި, ތަހުގީގަށް ސާފު ކުރެވުނު މައުލޫމާތަށް ބަލާއިރު, އޭނާ އޮޑިއްސާ އަށް ގެނެސް މަގުމައްޗަށް އެއްލާލީވެސް އޭނާ ގޭންގް ރޭޕް ކުރަން އުޅުނު މީހުންގެ ތެރެއިން އެކަކު ކަމަށެވެ. އެމީހާ އޭނާ މަގުމައްޗަށް އެއްލާލަމުން އަތަށް 200 ރުޕީސް ލައިފައި އެއްލާލީ ކަމަށް ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އެ ސްޓޭޓްގެ އިދިކޮޅު ޕާޓީ, ތެލަގޫ ދެސާމް ޕާޓީ އާއި, ރާހޫލް ގާނދީ އިސްކޮށް ހުންނަވާ އިންޑިއާގެ އިދިކޮޅު ޕާޓީ, ކޮންގްރެސް އިން ވަނީ އެކަމަށް ފާޑު ކިޔައި, އެ ސްޓޭޓްގެ އަންހެނުންނާއި އަންހެން ދަރިންނަށް ރައްކާތެރިކަން ދިނުމުގައި ވެރިކަން ހިންގާ ޔުވާޖަނާ ސަރްމިކާ ރަޔުތް ކޮންގްރެސް ޕާޓީ ފެއިލްވެފައި ވާ ކަމަށް ބުނެފައެވެ.
އިންޑިއާ އަކީ މިބާވަތުގެ ގޭންގް ރޭޕް އާންމުކޮށް ހިނގާ ތަނަކަށް ވާއިރު، މީގެ ކުރިން ހިނގާފައި ވާ މިފަދަ އެތައް ހާދިސާއެއްގައި އެތައް އަންހެނުންނަކާއި އަންހެން ކުދިންނެއް މަރާލާފައި ވެސް ވެއެވެ.